YouVersion Logo
Search Icon

ފެށުން 11

11
ބާބިލުގައި ބުރުޒު ބިނާކުރުމާއި ދުނިޔޭގެ ބަސްތަކުގެ އުފެދުން
1އޭރު ދުނިޔޭގެ އެންމެން ވާހަކަދައްކާ އުޅުނީ ވެސް އެއްބަހަކުންނެވެ. 2އިންސާނުން އިރުމައްޗާ ދިމާއަށް ދަތުރުކޮށް ދިޔަ މަގުމަތީ ޝިންޢާރުގައިވާ ބޮޑު ހަމަބިމެއް ފެނުމުން އެތަނުގައި ވަޒަންވެރިވިއެވެ.
3އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ދެން ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.⁠“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ. 4އެމީހުން ބުންޏެވެ. ”⁠ދެން ހިނގާ ރަށެއް ބިނާކުރަން. އަދި އުޑާއި ހަމަޔަށް ފޯރާވަރުގެ މުންނާރެއް ހަދަން. އޭރުން އަހަރެމެންގެ ނަން މަޝްހޫރު ވެދާނެ. ކީއްކުރަން އަހަރެމެން މުޅި ދުނިޔެއަށް ފެތުރެންވީއަކީ؟⁠“
5 މާތްރަސްކަލާނގެ އާދަމުގެދަރިން މި ބިނާކުރަމުން ދިޔަ ރަށާއި ބޮޑު އުސް ޢިމާރާތް ދެކެވޮޑިގަތުމަށްޓަކައި ފައިބާ ވޮޑިގެންނެވިއެވެ. 6މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުން އެކުވެ އެއްބަހަކުން ވާހަކަދައްކާ ހަދަމުން ގެންދޭ. މިހެން ކަންތައްތައް އޮތްއިރު އެމީހުން ކުރަން ބޭނުން ކޮންމެ ކަމަކީ އެމީހުންނަށް ނުކުރެވޭނެ ކަމަކަށް ނުވާނެ. ނަމަވެސް އެމީހުން ކަންތައް ކުރަން ފެށިގޮތް ނިކަން ދެކެބަލަ. 7ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން.#11‏:7 ޢިބްރާނީ ބަހުން ލިޔެވިގެންވާ ގޮތުގައި މިތަނުގައި ވެސް މާތްކަލާނގެ އެކަލާނގެ ނަންފުޅަށް ނިސްބަތް ކުރެއްވުމަށް ވަޙީކުރެއްވީ ”⁠އަހަރެމެން⁠“ މިފަދައިންނެވެ. އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.⁠“
8 މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެމީހުން އެތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބައިބައިކޮށް ލައްވައި ބައްސަވައި ލެއްވިއެވެ. ދެން އެމީހުން އެރަށް ބިނާކުރުމުގެ މަސައްކަތް ހުއްޓާލިއެވެ.
9އެމީހުން ބިނާކުރަމުން ގެންދިޔަ ރަށަށް ބާބިލް އޭ ކިޔުނެވެ.#11‏:9 ޢިބްރާނީ ބަހުން އޮޅުން މިބަހަކީ ބާބިލް މިނަމާ ވަރަށް ވައްތަރު ބަހެކެވެ. ބާބިލުގައި މާތްރަސްކަލާނގެ މުޅި ދުނިޔޭގެ އެންމެން ވާހަކަދެއްކުމަށް ބޭނުންކުރި ބަސް އޮޅުވާ ލެއްވިއެވެ. އަދި މީސްތަކުން ދުނިޔޭގެ އެކިތަންތަނަށް އެކަލާނގެ ބައިބައިކޮށް ލެއްވީވެސް އެރަށުގައެވެ.
އިބްރާހީމްގެފާނުގެ ކާބަފައިން: ސާމުގެ ދަރިކޮޅު
10މިއީ ސާމުގެ ދަރިކޮޅުގެ ވާހަކައެވެ. ފެންގަނޑު ބޮޑުވިތާ ދެ އަހަރަށް ފަހު ސާމު ދުނިޔޭގައި އުޅޭތާ ސަތޭކަ ވަނަ އަހަރުގައި އޭނާއަށް އަރުޕަކްޝާދު ލިބުނެވެ. 11އަރުޕަކްޝާދު ލިބުމަށް ފަހު ސާމު ފަސް ސަތޭކަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެއެވެ. އަދި އެނޫނަސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
12އަރުޕަކްޝާދު ދުނިޔޭގައި އުޅޭތާ ތިރީސް ފަސް އަހަރުގައި އޭނާއަށް ޝާލަޙު ލިބުނެވެ. 13ޝާލަޙު ލިބުމަށް ފަހު އަރުޕަކްޝާދު ހަތަރު ސަތޭކަ ތިން އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި މި ނޫނަސް އިތުރު އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.
14ޝާލަޙު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ޢާބިރު ލިބުނެވެ. 15ޢާބިރު ލިބުމަށް ފަހު ޝާލަޙު ހަތަރު ސަތޭކަ ތިން އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި މި ނޫނަސް އިތުރު އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.
16ޢާބިރު ދުނިޔޭގައި އުޅޭތާ ތިރީސް ހަތަރު އަހަރުގައި އޭނާއަށް ފާލިޖު ލިބުނެވެ. 17ފާލިޖު ލިބުމަށް ފަހު ޢާބިރު ހަތަރު ސަތޭކަ ތިރީސް އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
18ފާލިޖު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ރަޢޫ ލިބުނެވެ. 19ރަޢޫ ލިބުމަށް ފަހު ފާލިޖު ދުއިސައްތަ ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
20ރަޢޫ ދުނިޔޭގައި އުޅޭތާ ތިރީސްދެ އަހަރުގައި އޭނާއަށް ސަރޫޖު ލިބުނެވެ. 21ސަރޫޖު ލިބުމަށް ފަހު ރަޢޫ ދުއިސައްތަ ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް އެނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
22ސަރޫޖު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ނާޙޫރު ލިބުނެވެ. 23ނާޙޫރު ލިބުމަށް ފަހު ސަރޫޖު ދުއިސައްތަ އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް މިނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.
24ނާޙޫރު ދުނިޔޭގައި އުޅޭތާ އޮނަ ތިރީސް އަހަރުގައި ނާޙޫރަށް ތާރަޙު ލިބުނެވެ. 25ތާރަޙު ލިބުމަށް ފަހު ވެސް ނާޙޫރު ސަތޭކަ ނަވާރަ އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި މިނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.
26ތާރަޙު ދުނިޔޭގައި އުޅޭތާ ހަތްދިހަ އަހަރުވެފައި ވަނިކޮށް އޭނާއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން ލިބުނެވެ.
އިބްރާހީމްގެފާނުގެ ކާބަފައިން: ތާރަޙު، ޙާރާން ކިޔުނު ރަށަށް ހިޖުރަކުރުން
27މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ. 28ހާރާންގެ ބައްޕަ ތާރަޙު ދުނިޔޭގައި ހުއްޓާ ހާރާން މަރުވެއްޖެއެވެ. އޭނާ މަރުވީ އޭނާ އުފަންވި ރަށް ކަމުގައިވާ އޫރު ސަހަރުގައެވެ. އެރަށަކީ ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށެވެ.
29‏-30އަބްރާމް އާއި ނާޙޫރު ވެސް މީހުންނާއި ކައިވެނި ކުރެއްވިއެވެ. އަބްރާމްގެ އަނބިކަނބަލުންގެ ނަމަކީ ސާރާއީ އެވެ. ނަހޫރުގެ އަންހެނުންގެ ނަމަކީ މަލްކަތު އެވެ. މަލްކަތު އަކީ ހާރާންގެ އަންހެންދަރިފުޅެކެވެ. ހާރާންއަކީ މަލްކަތު އާއި ޔިސްކަތު، މިދެއަންހެނުންގެ ބައްޕައެވެ. ސާރާއީއަށް އަދި ދަރިއަކު ލިބިވަޑައެއް ނުގަނެއެވެ. އެކަނބުލޭގެފާނަކީ ދަރިން ނުލިބޭ އަންހެނެކެވެ.
31ތާރަޙު ކަންޢާނުކަރައަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ދަރިކަލުން އަބްރާމްއާއި ކާފަދަރިކަލުން ލޫޠުއާއި އޭނާގެ ދަނބިދަރިކަނބަލުން ސާރާއީ ގޮވައިގެން އެންމެން އެއްކޮށް ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ އޫރު ސަހަރު ދޫކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ކަންޢާނުކަރައާއި ހަމައަށް ނުގޮސް ޙާރާންއަށް ވަޑައިގެން އެތާނގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ. 32ތާރަޙު ދުއިސައްތަ ފަސް އަހަރު ދުނިޔޭގައި އުޅުމަށް ފަހު ނިޔާވީ އެބޭކަލުން ދިރިއުޅުއްވި ރަށް ކަމުގައިވާ ޙާރާންގައެވެ.

Currently Selected:

ފެށުން 11: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in