YouVersion Logo
Search Icon

ފެށުން 34

34
ދީނާއަށް ލިބުނު އަނިޔާ
1އެއްދުވަހަކު ދީނާ އެ ސަރަހައްދުގައި ފުރާވަރުގެ އަންހެން ކުދިންގެ ގާތަށް ދިޔައެވެ. މި ދީނާ އަކީ ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ދަރިއެކެވެ. 2މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ. 3މިއަށް ފަހު ޝަކީމް ދީނާގެ ޖަޒުބާތުގައި ޖެހި އެކަނބުލޭގެ ދެކެ ނުހަނު ލޯބިވިއެވެ. އަދި ވަރަށް އޯގާތެރިކަމާއެކު އެކަނބުލޭގެއާއި ވާހަކަ ދެއްކިއެވެ. 4އެންމެފަހުން މި ޝަކީމް ދީނާއަށް ބޭނުންވެފައިވާ ވަރުން އޭނާގެ ބައްޕަ، ޙަމޫރަށް މިވާހަކަ މިފަދައިން ހުށަހެޅިއެވެ. ”⁠އަހަރެންނަށް މިކަނބުލޭގެއާއި ކައިވެނި ކުރެވޭނޭ ގޮތެއް ހަމަޖައްސައި ދިނުމަށް ބައްޕައަށް އަހަރެން އެދެން.⁠“
5ޝަކީމް ދީނާގެ ޢިއްފަތްތެރިކަން ފޭރިގަނެ އަދި އެއްވެސް އިޙުތިރާމެއްނެތް ފަދަ ގޮތަކަށް އަމަލު ކުރިކަމުގެ ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގެންފިއެވެ. އެހެނަސް ޖަނަވާރުތައް ގޮވައިގެން އެންމެހާ ފިރިހެން ދަރިން މައިދާނަށް ހުއިހައްޕަން ގޮސްވުމުގެ ސަބަބުން އެކަލޭގެފާނު ހަނުހިމޭނުން ހުންނެވީއެވެ.
6އަދި، ޝަކީމްގެ ބައްޕަ ޙަމޫރު، ޔަޢުޤޫބުގެފާނުގެ އަރިހަށް ވާހަކަ ދެއްކުމަށް އައެވެ. 7އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލީންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލު ވެސް މެއެވެ.
8ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ އެންމެހާ ދަރިންގެ ފަރާތުން ޙަމޫރު މިފަދައިން އެދުނެވެ. ”⁠އަހަރެންގެ ފިރިހެން ދަރިފުޅު ޝަކީމް ތިބާގެ އަންހެން ދަރިފުޅުގެ މައްޗަށް ނުހަނު ލޯބި ބޮޑުވެއްޖެ. އަހަރެންގެ ދަރިފުޅުގެ އަނތްބަކަށް އެކަނބުލޭގެ ދިނުމަށް އަހަރެން ވަރަށް ބޮޑަށް އެދެމު. 9އަދި އަހަރެމެންގެ ތެރޭގައި މި ގޮތަށް ކައިވެނީގެ އެއްބަސްވުމެއް ހަމަޖައްސަމާހިނގާ. ތިޔަބައިމީހުންގެ އަންހެން ދަރިން އަހަރެމެންގެ ފިރިހެން ދަރިންނާ ކައިވެނި ކުރުމަށް ތިޔަބައިމީހުން ދޭނީ. އަދި އަހަރެމެންގެ އަންހެންދަރިން ތިޔަބައިމީހުންގެ ފިރިހެންދަރިންނާ ކައިވެނިކުރުމަށް އަހަރެމެން ދޭނީ. 10އަހަރެމެންނާއި އެކުގައި ތިޔަބައިމީހުން މިރަށުގައި ދިރިއުޅޭނީ. ތިޔަބައިމީހުން އެދޭ ތަނަކުން ބިން ގަނެ އަދި ވިޔާފާރިވެސް ކުރަންވީ.⁠“
11ޝަކީމް އޭނާގެ ބައްޕަ ޙަމޫރުގެ ވަހާކައަށް އިތުރުކޮށްލުމުގެ ގޮތުން ދީނާގެ ބަފައިކަލުން ޔަޢުޤޫބުގެފާނާއި އެކަނބުލޭގެ ބޭބެމެންނަށް މިހެން ބުނިމެއެވެ. ”⁠އަހަރެންނަށް އޯގާތެރިވެދީ. އަދި އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ވުމަށް އަހަރެން ނުހަނު އެދެން. ތިޔަބައިމީހުން ކޮންމެ އެއްޗަކަށް އެދުނު ނަމަވެސް އެ އެއްޗެއް އަހަރެމެން ތިޔަބައިމީހުންނަށް ދޭނަން. 12މަޙުރުގެ ފައިސާ އާއި އެނޫން ވެސް ހަދިޔާބަދިޔާއަށް ތިޔަބައިމީހުން މިންވަރެއް ކަނޑައަޅާ. ކޮންމެ މިންވަރަކަށް ތިޔަބައިމީހުން އެދެނު ކަމުގައި ވިޔަސް އެ މިންވަރެއް އަހަރެމެން ތިޔަބައިމީހުންނަށް އަދާ ކުރާނަން. ހަމައެކަނި އަހަރެން ބޭނުން ވަނީ އެކަނބުލޭގެ އަހަރެންގެ އަނތްބަކަށް ހެދުން.⁠“
13ވީމާ، އެބައިމީހުންގެ ކޮއްކޮ ދީނާގެ ޢިއްފަތްތެރިކަން ޝަކީމް ފޭރިގަތުމުގެ ސަބަބުން ޔަޢުޤޫބުގެފާނުގެ އެންމެހާ ފިރިހެންދަރިން ޝަކީމް އާއި އޭނާގެ ބައްޕަ ޙަމޫރުއަށް މަކަރުހަދައި ލަނޑުދިނުމަށް ނިންމައި މިފަދައިން ޖަވާބު ދިނެވެ. 14އެގޮތުން ޔަޢުޤޫބުގެފާނުގެ ދަރިން ޝަކީމް އާއި އޭނާގެ ބައްޕައަށް މިފަދައިން ބުންޏެވެ. ”⁠ތިޔަފަދަ ކަމެއް އަހަރެމެންނަކަށް ކުރެވޭކަށް ނޯންނާނެ. ޚިތާނު ކުރެވިގެންނުވާ ފިރިހެނަކާއި އަހަރެމެންގެ އަންހެން ކޮއްކޮ ކައިވެނި ކުރުމަށް އަހަރެމެންނަކަށް ނުދެވޭނެ. ޅަނދޮޅު އަންހެން ކުއްޖަކު ޚިތާނު ނުކޮށް ހުރި ތިޔަފަދަ ފިރިހެނަކާއި ދެވުމަކީ އަހަރެމެންނަށް ހުރި ލަދުވެތިކަމެއް. 15އެހެނަސް ތިބާއަށް އެކަނބުލޭގެ އާއި ކައިވެނި ކުރެވިދާނެ ޝަރުތެއް އެބައޮތް. އެއީ ތިބާ އާއި ތިބާގެ އިތުރުން މުޅި މިވަންހައިގެ އެންމެހާ ފިރިހެނުން އަހަރެމެން ފަދައިން ޚިތާނު ކުރުން. 16މިފަދައިން ތިޔަބައިމީހުން އަމަލު ކުރުމަށް ފަހުގައި ތިޔަބައިމީހުންގެ އަނބިންނަށް ހެދުމަށް އަހަރެމެންގެ އަންހެން ދަރިން ތިޔަބައިމީހުން ގެންދޭ. އަދި އަހަރެމެން ވެސް ތިޔަބައިމީހުންގެ އަންހެން ދަރިންނާއި ކައިވެނި ކުރާނަން. އޭރުން އަހަރެމެންނަށް ތިޔަބައިމީހުންނާއި އެކުގައި ދިރިއުޅެވިދާނެ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވެސް ވާނެ. 17ނަމަވެސް ޚިތާނު ކުރުމަށް ތިބާ އިންކާރު ކޮށްފިނަމަ އަހަރެމެން ދީނާ ގޮވައިގެން މި ރަށް ދޫކޮށް ދާނީ.⁠“
18ޔަޢުޤޫބުގެފާނުގެ ދަރިންގެ މިހުށަހެޅުމަށް ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް އުފަލާއެކު އެއްބަސް ވިއެވެ. 19ސަބަބަކީ އޭނާ ޔަޢުޤޫބުގެފާނުގެ އަންހެންދަރިފުޅު ދީނާ ދެކެ އެހާ ލޯބިވާތީއެވެ. ޝަކީމްއަކީ އެ އާއިލާގެ އެންމެ ޤަދަރު ލިބިގެންވާ މީހާއެވެ. އެހެންވެ، ވަގުތު ނަގާނުލައި ޔަޢުޤޫބުގެފާނުގެ ދަރިންގެ ހުށަހެޅުން ފުރިހަމަކުރުމަށް އޭނާ ނިންމިއެވެ. 20އެގޮތުން ޙަމޫރު އާއި އޭނާގެ ދަރިފުޅު ޝަކީމް ރަށުގެ ބޮޑުދޮރޯށި ހުރި މައިދާނަށް ގޮސް އެ ރަށުގެ އެންމެހާ ފިރިހެނުންނާއި ބައްދަލުކޮށް މިހުށަހެޅުން މިފަދައިން ހާމަކޮށްދިނެވެ. 21”⁠ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ މީސްތަކުންނީ އަހަރެމެންގެ އެކުވެރިން. އެހެންވީމާ، މިރަށުގައި އެބައިމީހުން ދިރިއުޅެ އަދި ވިޔާފާރި ކުރުމަށް އަހަރެމެން ދަޢުވަތުދެން. އަހަރެމެން ހުރިހާ އެންމެންނަށް މިރަށުގައި އެދެވޭ މިންވަރަށް ހުސްބިން އެބައޮތް. އަހަރެމެން އެމީހުންގެ މީހުންނާއި ކައިވެނިކޮށް އެމީހުން އަހަރެމެންގެ މީހުންނާއި ކައިވެނިކުރާނީ. 22ނަމަވެސް އެބައިމީހުންގެ މި ޝަރުތަށް އަހަރެމެން އެއްބަސްވާން ޖެހޭ. އެއީ އެބައިމީހުންގެ ފިރިހެނުން ފަދައިން އަހަރެމެންގެ ފިރިހެނުން ޚިތާނު ކުރަންޖެހޭ. އޭރުން އެބައިމީހުން އަހަރެމެންގެ މިސަހަރުގައި ދިރިއުޅުމަށް އެއްބަސްވޭ. އަދި އަހަރެމެން ދެބައިމީހުން އެއްބައެއްގެ ގޮތުގައި ވާނެވެސްމެ. 23އެބައިމީހުންގެ މި އެދުމާއި އެއްގޮތަށް އަހަރެމެން އަމަލު ކޮށްފިނަމަ އެބައިމީހުންގެ މިލްކުގައިވާ އެންމެހާ ނަޢަމްސޫތްޕާއި ޖަނަވާރުތަކެއް އަހަރެމެންގެ ތަކެތި ކަމުގައި ވާނެވެސްމެ. އެބައިމީހުންގެ އެދުމާއި އެއްގޮތަށް އަހަރެމެން އަމަލުކުރަމާ ހިނގާ. އޭރުން އެބައިމީހުން މިރަށުގައި ދިރިއުޅޭނެ.⁠“
24އެގޮތުން ޝަކީމް އާއި ޙަމޫރުގެ ވާހަކަ ރަށުގެ ބޮޑު ދޮރޯށި ހުންނަ މައިދާނުގައި ތިބި ހުރިހާ އެންމެން އަޑުއަހައި އަދި އެންމެހާ ފިރިހެންތަކުން ޚިތާނު ކުރުމަށް އެއްބަސްވިއެވެ.
25އެއަށް ފަހު އެރަށުގެ އެންމެހާ ފިރިހެނުން ޚިތާނު ކުރެވި، އޭގެ ތިންވަނައަށް ވީ ދުވަހު އެކަމުގެ ތަދު އިޙުސާސް ކުރަމުން ދިޔަ ހިނދު ދީނާގެ ދެބެއިން ކަމުގައިވާ ޝިމްޢޫން އާއި ލާވީ އެމީހުންގެ ކަނޑިތައް ހިފައިގެން ސިއްރިޔާތުގައި ރަށު ތެރެއަށް ވަދެ އެރަށުގެ އެންމެހާ ފިރިހެނުންނަށް ޙަމަލާދީ ގަތުލުކޮށްފިއެވެ. 26އެމީހުން ގަތުލުކުރި މީހުންގެ ތެރޭގައި ޙަމޫރު އާއި ޝަކީމްވެސް ހިމެނެއެވެ. ދެން ޝަކީމްގެ ގެއިން ދީނާ އެމީހުންގެ ފޭލިގެއަށް ގެންދިޔައެވެ. 27މި އެންމެން ގަތުލުކުރުމަށް ފަހު ޔަޢުޤޫބުގެފާނުގެ ހުރިހާ ދަރިން ރަށު ތެރެއަށް އަރައި މުޅި ރަށް ލޫޓުވާލިއެވެ. އެމީހުން މި ގޮތަށް ބަދަލުހިފުމުގެ ސަބަބަކީ އެމީހުންގެ އަންހެން ކޮއްކޮގެ ޢިއްފަތްތެރިކަން އެރަށުގައި ޝަކީމް ފޭރިގަތީމެވެ. 28އެރަށުގައި ވާނަމަ ވާހައި ކަންބަޅިބަކަރިތަކާއި، ހިމާރުތަކުގެ އިތުރުން ސަހަރުގެ މައިދާންތަކުގައި ވާނަމަ ވާހައި ތަކެއްޗެއްގެ އިތުރުން އެމީހުންގެ އަތުގައި ޖެހުނުހާ އެއްޗެއް އަތުލައިގަތެވެ. 29އަދި އެރަށުގެ އެންމެހާ ގޯތި ގެދޮރެއްގައި ވާނަމަ ވާހައި މުދަލެއް އަތުލައި އެންމެހާ ކުޑަކުދިންނާއި އަންހެނުން ވެސް އަސީރުކުރިއެވެ.
30އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“
31ނަމަވެސް ޝިމްޢޫން އާއި ލާވީ ރުޅިވެރިކަމާއެކު މިފަދައިން ޖަވާބު ދިނެވެ. ”⁠އަހަރެމެންގެ އަންހެން ކޮއްކޮ އާއިމެދު ކަސްބީ އަންހެނަކަށް ހިތާފަދައިން ހިތުމަކަށް އަހަރެމެން ނޭދޭނަމު.⁠“

Currently Selected:

ފެށުން 34: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in