YouVersion Logo
Search Icon

ފެށުން 39

39
ޔޫސުފުގެފާނާއި ފޫޠީފާރުގެ އަނބި
1އިސްމާޢީލީންގެ ވިޔަފާރި ގާފިލާއިން ޔޫސުފުގެފާނު ބައްލަވައިގަތުމަށް ފަހު އެ ގާފިލާ އާއި އެކުގައި އެކަލޭގެފާނު މިޞްރަށް ގެންދެވިއެވެ. އަދި އިސްމާޢީލީންގެ މި ވިޔަފާރި ގާފިލާއިން މިޞްރުގެ ރަސްގެފާނު ސަލާމަތީކަންތަކާ ބެހޭ ވަޒީރު ފޫޠީފާރުއަށް މިޞްރުގައި އެކަލޭގެފާނު ވިއްކާލެއްވިއެވެ. 2މާތްރަސްކަލާނގެ ޔޫސުފުގެފާނާއި އެކުގައި ވޮޑިގެންވެ އެކަލޭގެފާނަށް ބަރަކާތް ލެއްވިއެވެ. އަދި ޔޫސުފުގެފާނު އެކަލޭގެފާނުގެ ސާހިބުމީހާގެ ގޭގައި ޚިދުމަތް ކުރައްވަމުން ގެންދެވިއެވެ. 3ޔޫސުފުގެފާނާއި އެކުގައި މާތްރަސްކަލާނގެ ވޮޑިގެންވެ، އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމެއްގައިމެ މާތްރަސްކަލާނގެ ކާމިޔާބު ދެއްވާކަން ފޫޠީފާރުއަށް ފާހަގަ ކުރެވުނެވެ. 4އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ. 5އެހުރިހާ ކަންތައްތަކެއް ޔޫސުފުގެފާނުގެ އަތްޕުޅުމައްޗަށް ފޫޠީފާރު ދޫކޮށްލި ހިނދުން ފެށިގެން އެކަލޭގެފާނުގެ ޙައްޤުގައި ފޫޠީފާރުގެ އާއިލާ އަށާއި އޭނާގެ މުދަލާއި އަދި ދަނޑުފަނގުގައި ވީ އެންމެހާ ތަކެއްޗަކެއްގެ އިތުރުން އޭނާގެ މިލްކުގައި ވީ އެންމެހާ ތަކެއްޗަކަށް މާތްރަސްކަލާނގެ ބަރަކާތް ލެއްވިއެވެ. 6ވީމާ، ފޫޠީފާރުގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތީގެ މައްޗަށް މަސްއޫލުވެ ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ ބާރު ޔޫސުފުގެފާނަށް އޭނާ ދިނެވެ. އަދި ޔޫސުފުގެފާނު އޭނާ އާއި އެކުގައި ހުންނެވުމުން އޭނާ ކާނެ ކެއުމަކާ މެދު ފިޔަވައި އެހެން އެއްވެސް ކަމަކާ މެދު އޭނާ ފިކުރު ކުރާކަށް ނުޖެހެއެވެ.
ޔޫސުފުގެފާނު ޖަލުގައި ހައްޔަރު ކުރެއްވުން
މިހާރު ޔޫސުފުގެފާނަކީ ހެދިހުރި ހަށިގަނޑެއް ލިބިފައިވާ ނުހަނު ރިވެތި ފިރިހެންވަންތަ ބޭކަލެކެވެ. 7މީގެ ދުވަސްތަކެއް ފަހުން ފޫޠީފާރުގެ އަންހެނުން ޔޫސުފުގެފާނުގެ މައްޗަށް އެދުންވެރިވާން ފެށިއެވެ. އަދި އެއްދުވަހަކު އެކަނބުލޭގެ ޔޫސުފުގެފާނަށް އެދުންވެރިވެ އެކަނބުލޭގެ އާއިއެކުގައި ޖިންސީ ގުޅުން ހިންގުމަށް އެދި ދަޢުވަތު ދެއްވިއެވެ. 8ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން. 9އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙުޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއް ވެސްމެ.⁠“ 10ނަމަވެސް ފޫޠީފާރުގެ އަނބިމީހާ ކުރުނުކޮށް ދުވަހުން ދުވަހަށް އެކަނބުލޭގެ އާއި އެކު އުޅުމަށް އެދި ޔޫސުފުގެފާނަށް ވަސްވާސް ދެމުން ގެންދިޔައެވެ. އެކަމަކު އެކަނބުލޭގެ އާއިއެކުގައި ޖިންސީގުޅުން ހިންގުމަށް އެކަލޭގެފާނު އިންކާރު ކުރެއްވިއެވެ. އަދި އޭނާއާ އެކު ވަގުތު ހޭދަކުރާކަށް ވެސް އެއްބަސްފުޅެއް ނުވިއެވެ.
11އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށްޓަކައި އާދައިގެ މަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެ ހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ. 12ކުއްލިއަކަށް އެކަލޭގެފާނުގެ ސާހިބާގެ އަނބިމީހާ އައިސް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފެހެއްޓުމަށް ފަހު މިފަދައިން އެދުނުމެއެވެ. ”⁠އަހަރެންނާއިއެކު އެއްދާން ކުރުމަށް އާދެބަލަ!⁠“ ނަމަވެސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ރިދާކޮޅު ދޫކޮށްލެއްވުމަށް ފަހު އެކަނބުލޭގެ ކިބައިން ސަލާމަތްވެ، ދުވެ ވަޑައިގެން ބޭރަށް ނުކުންނެވިއެވެ. 13އެކަނބުލޭގެ އަތްދަށުން އެކަލޭގެފާނު ސަލާމަތްވެގެން ވަޑައިގެންނެވި ކަމުގައިވިއަސް އެކަލޭގެފާނުގެ ރިދާކޮޅު އެކަނބުލޭގެ އަތުގައި އޮތްތަން ފެނި އެކަނބުލޭގެ 14އަޑުން އަޑުނަގާ ރޯން ފެށިއެވެ. އިސާހިތަކު ގަނޑުވަރުގައި ވީ ޚާދިމުންތައް އެކަނބުލޭގެ ކައިރިއަށް އައެވެ. އެ ހިނދު އެކަނބުލޭގެ ގިސްލަމުން މިފަދައިން ބުނިމެއެވެ. ”⁠ނިކަން ބަލާލަބަލަ! އަހަރެންގެ ފިރިކަލޭގެ މި ގެނައި ޢިބްރާނީ އަޅުކުއްޖާ މިތަނުގައި މިއުޅެނީ އަހަރެމެން ބަދުނާމު ކުރަން! އެކަލޭގެ އަހަރެންގެ ކޮޓަރިއަށް އައިސް ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން އުޅެފި. ނަމަވެސް އަހަރެން ހަރުއަޑުން ރޯންފެށީމު. 15އަހަރެންގެ ރުއިމުގެ އަޑު ގަދަވާން ފެށުމުން އެކަލޭގެ ލައިގެންހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ރައްކާވެއްޖެ.⁠“
16ފޫޠީފާރު ގަނޑުވަރަށް އަންނަން ދެން އޭނާގެ އަނބިކަނބުލޭގެ ޔޫސުފުގެފާނުގެ ރިދާކޮޅު އެކަނބުލޭގެ ކައިރީގައި ބާއްވައިގެން އިނެވެ. 17އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”⁠ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި! 18ނަމަވެސް އަހަރެން ސަލާމަތަށް އެދި އަޑުންއަޑުނަގާ ރޯން ފެށުމުން އެކަލޭގެ ލައިގެހުރި ރިދާ އަހަރެންގެ އަތަށް ދޫކޮށްލާފައި ދުވެ ގަނޑުވަރުން ބޭރަށް ގޮސް ފިލައިފި.⁠“
19ފޫޠީފާރަށް އޭނާގެ އަނބިމީހާގެ މިވާހަކަތައް އަޑުއިވުމުން ވަރަށް ރުޅިއައެވެ. 20އެގޮތުން ފޫޠީފާރު ޔޫސުފުގެފާނު ހައްޔަރުކޮށް ރަސްގެފާނުގެ ކުށްވެރިން ގައިދުކޮށްފައި ބައިތިއްބާ ޖަލަށް ޔޫސުފުގެފާނު ލައި ބަންދުކުރިއެވެ.
ޔޫސުފުގެފާނު ޖަލުގައި ހުންނެވި ހިނދު 21މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ. 22ގިނަ މުއްދަތެއް ނުވަނީސް ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ ޖަލުގައިވާ ގައިދީންގެ ކަންތައްތައް ބެލެހެއްޓުން ޔޫސުފުގެފާނާއި ހަވާލު ކޮށްފިއެވެ. 23އޭގެފަހުގައި ޖަލު ބެލެހެއްޓުމުގެ އިސްވެރިޔާ އެއިން އެއްވެސް ކަމަކާއި ކަންބޮޑުވެ ހާސްވާކަށް ނުޖެހެއެވެ. ސަބަބަކީ ޔޫސުފުގެފާނު އެންމެހާ ކަންތައްތަކަށް ސަމާލުކަން ދެއްވައި ފަރުވާތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ކަމެވެ. އެހެނީ މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވޮޑިގެންވެ، އެންމެހާ ކަންތައްތައް އޮމާންކަމާއެކު ކުރެވޭނޭ ގޮތުގެ މަތިން އެކަލާނގެ ޔޫސުފުގެފާނަށް ކާމިޔާބުކަން ދެއްވުމުގައި ވޮޑިގެންވިއެވެ.

Currently Selected:

ފެށުން 39: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in