YouVersion Logo
Search Icon

ފެށުން 41

41
ފިރުޢައުނަށް ފެނުނު ހުވަފެން
1ދެ އަހަރު ދުވަސް ފާއިތުވެދިޔަ ފަހުން މިޞްރުގެ ރަސްގެފާނު ފިރުޢައުނަށް އެރަސްގެފާނު ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުންނެވީތީ ހުވަފެންފުޅެއްގައި ފެނިވަޑައިގަތެވެ. 2މި ހުވަފެންފުޅުގައި ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި ފެނިވަޑައިގަތެވެ. 3‏-4އެއަށް ފަހު ބަލިކަށި، ހުތުރު ހަތްގެރި ކޯރުން އަރައިގެންއައިސް އައްސޭރިފަށުގައި ކުރިން ތިބި ހަތްގެރީގެ ކައިރިއަށް ގޮސް ޅަނދޮޅު، ފަލަ ހަތްގެރި ކައިލިއެވެ. ހުވަފެނުގެ މިހާހިސާބުން ފިރުޢައުނު ރަސްގެފާނަށް ހޭލެވުނެވެ.
5އިސާހިތަކު ފިރުޢައުނު ރަސްގެފާނު ދެވަނަ ފަހަރަށް އަވަހާރަފުޅުގެ ތެރެއަށް ވެދެވަޑައިގެންނެވުނެވެ. އެ ހިނދު ދެވަނަ ހުވަފެންފުޅެއް ވެސް ފެނިވަޑައިގަތެވެ. މިފަހަރު ހުވަފެނުގައި ރަސްގެފާނަށް ފެނިވަޑައިގަތީ އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ހުއްޓައެވެ. 6އެއަށް ފަހު އިތުރު ހަތްކުރާގަނޑު އެ ކުރިން ނުކުތެވެ. ނަމަވެސް މި ހަތްކުރާގަނޑު ހީވަނީ އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ކަހަލައެވެ. 7އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު، ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ކައިލިއެވެ. އެ ހިނދު ފިރުޢައުނު ރަސްގެފާނަށް އަވަހާރަފުޅުން ހޭލެވި އަދި އެއީ އޭނާއަށް ފެނިވަޑައިގެންނެވި ހުވަފެނެއްކަން އެނގިވަޑައިގެންނެވިއެވެ.
8ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ.
9އެ ހިނދު ފިރުޢައުނު ރަސްގެފާނަށް ބުއިންތައްދޭ ޚާއްސަ ޚާދިމު ފިރުޢައުނަށް މިފަދައިން ދެންނެވިއެވެ. ”⁠އަޅުގަނޑަށް ކުރެވިފައިވީ ކުށަށް މިއަދު އަޅުގަނޑު ތައުބާވަމު. 10އެއީ އަޅުގަނޑާއި އަދި ސާހިބާއަށް ފަރިއްކޮޅު ތައްޔާރު ކުރާ ޚާދިމުންގެ ވެރިޔާއާ ދެމީހުންދެކެ މަނިކުފާނު ކޯފާވެ ވަޑައިގެން އަޅުގަނޑުމެން ދެމީހުން ގަނޑުވަރުގެ އިސް ފާރަވެރިޔާގެ ޖަލަށްލެއްވީމު. 11އެއްރެއަކު އަޅުގަނޑުމެން ދެމީހުންނަށްމެ ހުވަފެނެއް ފެނުނު. އަދި އަޅުގަނޑުމެން ދެމީހުންނަށްމެ ފެނުނު ދެ ހުވަފެނުގެ ތަޢުބީރު ތަފާތު ދެ ގޮތަކަށް ކުރެވުނު. 12އެ ހިނދު އަޅުގަނޑުމެންނާއި އެކުގައި ގަނޑުވަރުގެ އިސް ފާރަވެރިޔާގެ އަޅުކުއްޖާ ހައްޔަރު ކުރެވިފައިވި. އަޅުގަނޑުމެން ދެމީހުންގެ ހުވަފެން ތަޢުބީރު ކޮށްދިނީ އެ ޢިބްރާނީ އަޅު ކުއްޖާ. 13އަދި އެ ކުއްޖާ ހުވަފެންތައް ތަޢުބީރު ކޮށްދިން ފަދައިން އެ ހުރިހާ ކަމެއް ވެ ނިމިދިޔަ. އަޅުގަނޑު އިހު ހުރި ވަޒީފާ އަޅުގަނޑަށް ލިބި އަދި މަނިކުފާނަށް ފަރިއްކޮޅު ތައްޔާރު ކުރާ ޚާދިމުންގެ އިސްވެރިޔާ ގަތުލު ކުރެވި އޭނާގެ ހަށިގަނޑު މުޑިއަކަށް ނެގުނުމެ.⁠“
14ލަސްތަކެއް ނުކުރައްވައި ފިރުޢައުނު ޔޫސުފުގެފާނު ޖަލުން ދަރުބާރަށް ގެނައުމުގެ އަމުރު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ތުނބުޅި އާއި މަތިމަސް ކޮއްޓަވައި ސާފު އަންނައުނު ތުރުކުރުވައި ރަސްގެފާނުގެ ދަރުބާރަށް ހާޒިރު ކުރެވުނެވެ.
15ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެން ތިބާ މިތަނަށް ހާޒިރު ކުރި ސަބަބަކީ ރޭގައި އަހަރެންނަށް ފެނުނު ހުވަފެން ތަޢުބީރު ކުރުވަން. މިތަނުގައި މިތިބަ އެއްވެސް މީހަކަށް އެ ހުވަފެން ތަޢުބީރު ކޮށްދޭކަށް ނޭނގުނު. ތިބާއަށް ވަރަށް ފުރިހަމައަށް ހުވަފެން ތަޢުބީރު ކުރަން އެނގޭ ކަމުގައި އަހަރެން އަޑުއެހީމު.⁠“
16ޔޫސުފުގެފާނު ވިދާޅުވިއެވެ. ”⁠ޢިއްޒަތްތެރި ސާހިބާ. ތިޔަފަދަ ކަންތައްތަކަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށް ކުޅަދާ ކަންތައްތަކެއް ނޫންމެ. ނަމަވެސް މާތްކަލާނގެ މަނިކުފާނު ހިތްޕުޅާވާ ފަދައިން ތިޔަ ހުވަފެންތަކުގެ މާނަ އަންގަވައި ދެއްވާނެ.⁠“
17‏-18އެއަށް ފަހު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު މިފަދައިން ވިދާޅުވެ ދެއްވަމުން ގެންދެވިއެވެ. ”⁠އަހަރެންނަށް ފެނުނީ އަހަރެން ނީލަ ކޯރުގެ އައްސޭރީގައި ކޮޅަށް ހުއްޓައި، ޅަނދޮޅު، ފަލަ ހަތް ގެރި ކުއްލިއަކަށް ކޯރުގެ ތެރެއިން އަރައިގެން އައިސް އައްސޭރި ފަށުގައިވާ ވިނަތައް ކާންތިއްބައި. 19އެއަށް ފަހު ބަލިކަށި ހަތްގެރި ކޯރުން އަރައިގެންއައިސް އައްސޭރިފަށުގައި ކުރިން ތިބި ޅަނދޮޅު، ފަލަ ހަތްގެރީގެ ކައިރިއަށް ދިޔަ ތަން. މި މިޞްރުން ވެސް އެފަދަ ސިފަ ހުތުރުވެގެންވީ ގެރިތަކެއް އަހަރެން ދުވަހަކު ވެސް ނުދެކެމު. 20އަދި އެ ސިފަހުތުރު ނިކަމެތި ވެގެންވީ ހަތްގެރި އެތަނުގައި ވީ ޅަނދޮޅު، ފަލަ ހަތްގެރި ކައިލި. 21ނަމަވެސް އެ ހިކި ގެރިތަކަށް އެއްވެސް ބަދަލެއް ނާދޭ. އެހާ ހިސާބުން އަހަރެންނަށް ނިދިން ހޭލެވުނު. 22އެއަށް ފަހު ދެވަނަ ހުވަފެނެއްގައި އަހަރެންނަށް ފެނުނީ އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ވަނިކޮށް. 23އެއަށް ފަހު އިތުރު ހަތްކުރާގަނޑު އެ ކުރިން ނުކުތް. ނަމަވެސް މި ހަތްކުރާގަނޑު އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ކަހަލަ. 24އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިވެފައިވާ ހަތް ކުރާގަނޑު ނުކުމެ ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑު ދިރުވައިލި. އަހަރެންގެ މި ހުވަފެންތައް ކަހީނުންނަށް ކިޔައިދިނީމު. އެހެނަސް އެއިން އެއްވެސް މީހަކަށް މި ހުވަފެންތައް ތަޢުބީރު ކޮށްދޭކަށް ނޭނގުނު.⁠“
ޔޫސުފުގެފާނު ފިރުޢައުނުގެ ހުވަފެން ތަޢުބީރުކޮށްދެއްވުން
25ރަސްގެފާނުގެ ހުވަފެންފުޅު ޔޫސުފުގެފާނު މިފަދައިން ތަޢުބީރު ކޮށްދެއްވިއެވެ. ”⁠މާތްސާހިބާ. މަނިކުފާނަށް ފެނިވަޑައިގެންނެވި ދެ ހުވަފެންފުޅުގެ ތަޢުބީރަކީ ވެސް އެކައްޗެއް. އެ ހުވަފެންތަކުން ދައްކައިދެނީ މާތްކަލާނގެ ކަންތައް ކުރައްވާނޭ ގޮތް. 26ޅަނދޮޅު، ފަލަ ހަތް ގެރީގެ ތަޢުބީރަކީ ހަތް އަހަރު ދުވަސް. އަދި އެންމެ ކުރިއެއްގައި ގޮވާމުން ފުރިފައިވާ ހަތްކުރާގަނޑުގެ ތަޢުބީރަކީ ވެސް ހަމަ ހަތް އަހަރު ދުވަސް. 27ފަހުން ކޯރުން އަރައިގެން އައި ހުތުރު ބަލިކަށި ހަތް ގެރިއާ އަދި އިރުވައިގެ ހޫނުވައިން މިލައިމޯޅިވެ ހިކިފައިވާ ހަތް ކުރާގަނޑު ތަޢުބީރު ކޮށްދެނީ ހަތް އަހަރު ދުވަހުގެ ތަދުމަޑުމަޑު ކަމެއް ކުރިމަތިވާނެކަން. 28އަޅުގަނޑު މި ދެންނެވި މޭރުމުން މިކަންތައްތައް ހިނގާނެ. މާތްކަލާނގެ ރަސްގެފާނަށް އެ ދެއްކެވީ އެކަލާނގެ ކަންތައް ކުރައްވާނެ ގޮތް. 29ކުރިއަށް އޮތް ހަތް އަހަރު ދުވަހަކީ މަނިކުފާނަށާއި މުޅި މިޞްރަށް ތިޔާގިކަމާއި ފާގަތި ހަތް އަހަރުދުވަސް ކަމުގައިވާނެ. 30ނަމަވެސް އޭގެފަހުގައި އަންނަ ހަތް އަހަރު ދުވަހަކީ ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު. އަދި ފާގަތިކަމާއި ތަނަވަސް ކަމުގައި ވީ ހަތް އަހަރު ދުވަހު ލިބިދިން ނަފާ މުޅިން ނެތިގެން ދާނެވެސްމެ. ހަމައެހެންމެ މި ތަދުމަޑުކަމާއި ހައިހޫނުކަމުގެ ސަބަބުން މުޅި މިޞްރު ބިކަޙާލުގައި ޖެހޭނެ. 31އޭގެ ސަބަބުން ތަނަވަސްކަމާއި ފާގަތި ކަމުގައި ވޭތުކުރި ހަތް އަހަރު ދުވަހުގެ ހަނދާންތައް ހުންނާނެ އެއްވެސް އަހުލުވެރިއެއް މުޅި މިޞްރުގައި ނުހުންނަ ވަރަށް ޙާލުގައި ޖެހިގެންދާނެ. 32ސާހިބާއަށް ވިދިވިދިގެން އެއް މާނައެއް ދޭހަވާ ދެ ހުވަފެންފުޅެއް ފެނިވަޑައިގަތުމުގެ މާނައަކީ، މިކަމަކީ މާތްކަލާނގެ ކަނޑައަޅުއްވައި ނިންމަވާފައިވާ ކަމެއްކަން ދެއްކެވުމަށް. އަދި މި ޙާދިސާތައް އެކަލާނގެ އެފަދައިން އަވަސް ގޮތެއްގައި ކުރައްވާނެކަން.
33އަޅުގަނޑަށް ފެންނަ ގޮތަކީ މުޅި މިޞްރުން ބުއްދިވެރި މީހަކު ހޯއްދަވައި ޢިއްޒަތްތެރި ރަސްގެފާނު އެމީހަކާ މުޅި މިޞްރުގެ އެންމެހާ ކަންތައްތައް ހިންގައި ބެލެހެއްޓުން ހަވާލު ކުރެއްވުން. 34އެއަށް ފަހު ފާގަތި ހަތް އަހަރު ދުވަހުގައި ލިބޭ ގޮވާމުގެ ފަސްބައިކުޅަ އެއްބައި ރައްކާ ކުރުމަށް މުޅި މިޞްރުން ކަމުވޮށިވެގެންވާ ޚާއްސަ ބަޔަކު ރަސްގެފާނު ހަމަޖައްސަވާ. 35އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ. 36އެގޮތުން ތަދުމަޑުކަމުގެ ހަތް އަހަރު ކުރިމަތި ވުމުން ބޭނުންވަރަކަށް ކާނެ އެއްޗެތި ލިބޭނެ. އެހެން ނޫނީ މުޅި ޤައުމު ހަލާކާއި ކުރިމަތިވެ އެންމެން މަރުވެ ނެތިދާނެ.⁠“
މިޞްރުގެ ގަވަރުނަރުކަމަށް ޔޫސުފުގެފާނު ޢައްޔަނު ކުރެއްވުން
37ޔޫސުފުގެފާނުގެ މި ހުށަހެޅުއްވުންތައް ފިރުޢައުނު ރަސްގެފާނާއި އެ ރަސްގެފާނުގެ ވަޒީރުން ގަބޫލު ކުރެއްވިއެވެ. 38ދެން ފިރުޢައުނު ރަސްގެފާނު ދަރުބާރުގައިވާ ހުރިހާ އެންމެންނަށް ވިދާޅުވިއެވެ. ”⁠ޔޫސުފުއަށް ވުރެން ފުރިހަމައަށް ތިޔަ ކަންތައްތައް ޙައްލު ކުރެވޭނޭ މީހަކު އަހަރެމެންގެ ތެރެއިން ހޯދިދާނެތަ؟ މާތްކަލާނގެ ރޫޙުފުޅު އޭނާއާއި އެކުގައި ވޮޑިގެންވޭ!⁠“
39އެއަށް ފަހު ޔޫސުފުގެފާނާއި ދިމާއަށް އެނބުރިވަޑައިގެން ފިރުޢައުނު ވިދާޅުވިއެވެ. ”⁠މި ހުވަފެންތަކުގެ ތަޢުބީރު މާތްކަލާނގެ ތިބާއަށް ދައްކުވައި ދެއްވައިފި. އަހަރެމެންގެ ތެރޭގައި މުޅި މިޞްރުން ތިބާއަށް ވުރެން ވަކިން ބުއްދިވެރި މީހަކު ނުމެނެތްމެ. 40އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. ހުރިހާ އެންމެން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.⁠“
41އަދި ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”⁠މިހިނދުން ފެށިގެން ތިބާ މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޢައްޔަން ކޮށްފީމު.⁠“ 42އެއަށް ފަހު ފިރުޢައުނު ރަސްގެފާނު އަތްޕުޅުގައިވާ ޝާހީ ނިޝާން ޖަހާފައިވާ އަނގޮޓިކޮޅު އިނގިލިފުޅުން ނަންގަވައި ޔޫސުފުގެފާނުގެ އިނގިލިފުޅުގައި އަޅުއްވައި ޝާހީ ރިދާކޮޅެއް ޔޫސުފުގެފާނަށް ދެއްވައި އަދި އެކަލޭގެފާނުގެ ކަރުފުޅުގައި ޝާހީ ރަންފަށެއް އެޅުއްވިއެވެ. 43މީގެ އިތުރުން ފިރުޢައުނު ރަސްގެފާނު އޭނާގެ ރަސްކަމުގައިވާ ދެވަނަ ދަރަޖައިގެ ޝާހީ އަސްގާޑިޔާ ކޮޅު ޔޫސުފުގެފާނަށް ދެއްވިއެވެ. އަދި އެކަލޭގެފާނު ވަޑައިގަންނަވާ މަގުތަކުގައި ޝަރަފުވެރި ކުރުމުގެ ގޮތުން ސިފައިންގެ އިސްވެރިން ގޮސް މިފަދައިން ގޮވުމަށް ވެސް ފިރުޢައުނު އެންގިއެވެ. ”⁠ޔޫސުފަށް މަގުދައްކާ! ޔޫސުފަށް މަގުދައްކާ!⁠“ މިގޮތުގެމަތިން ކަންތައްތައް ކުރެއްވުމަށް ފަހު ފިރުޢައުނު ރަސްގެފާނު މުޅި މިޞްރުގެ ގަވަރުނަރު ކަމުގައި ޔޫސުފުގެފާނު ޢައްޔަނު ކުރެއްވިއެވެ. 44ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންނަކީ މިޞްރުގެ ރަސްގެފާނު ނަމަވެސް ތިބާގެ ހުއްދައާ ނުލައި މިޞްރުގެ އެއްވެސް އަހުލުވެރިއަކަށް އެމީހެއްގެ އަތެއްފައެއް ގުޑުވާލުމުގެ ހުއްދަ ނޯނާނާނެ ކަމުގައި އަހަރެން ބުނަން.⁠“
45ފިރުޢައުނު ރަސްގެފާނު ޔޫސުފުގެފާނަށް މިޞްރު ބަހުން ދެއްވި ނަންފުޅަކީ ޞަފްނާތު ފަޢުނީޙު އެވެ. އަދި ޢައުނުގެ ފާދިރީ ފޫޠީފާރަޢަގެ އަންހެން ދަރިފުޅު އަސްނާތު އާއި ކައިވެނި ކުރުވިއެވެ. އެހެންކަމުން ޔޫސުފުގެފާނު މުޅި މިޞްރުގެ ގަވަރުނަރުކަމާއި ހަވާލުވެ ވަޑައިގެންނެވުނެވެ. 46މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.
47ޖެހިގެން އައި ހަތް އަހަރު ދުވަހު މުޅި މިޞްރުގައި ރަނގަޅަށް ގޮވާން ހެދި ފާގަތިކަން ލިބިފައިވިއެވެ. 48އެ ހަތް އަހަރުތެރޭގައި މިޞްރުގައި ހެއްދުނު ގޮވާންތައް އެކަލޭގެފާނު މިޞްރުގެ އެކި ރަށްރަށުގައި ރައްކާ ކުރެއްވިއެވެ. ކޮންމެ ރަށެއްގައި އެކަލޭގެފާނު ރައްކާ ކުރެއްވީ އެރަށަކާ ކައިރި ހިސާބުގެ ދަނޑުތަކުގައި ހެދުނު ގޮވާންތަކެވެ. 49މި ހަތް އަހަރު ދުވަސް ނިމުމުގެ ކުރިން ގޮވާމުން ގުދަންތައް ފުރި އަދަދު ނުކުރެވޭފަދަ މިންވަރަށް އިތުރުވެގެން ދިޔައެވެ.
50މިޞްރުގެ ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ޔޫސުފުގެފާނަށާއި އެކަލޭގެފާނުގެ އަނބިކަނބަލުން އަސްނާތުއަށް ދެ ފިރިހެން ދަރިކަލުން ލިބިވަޑައިގަތެވެ. 51ފުރަތަމަ ދަރިކަލުންނަށް ޔޫސުފުގެފާނު މަނައްސާ ގެ ނަމުން ނަންދެވި ހިނދު މިފަދައިން ވިދާޅުވެވުނެވެ. ”⁠މާތްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތަކާއި އަދި އަހަރެންގެ ބަފައިކަލުންގެ އާއިލާގެ މަތިން ހަނދާން ނެތިކޮށްދެއްވައިފި.⁠“#41‏:51 ޢިބްރާނީ ބަހުން ”⁠މަނައްސާ⁠“ގެ އަޑުއިވެނީ ”⁠ހަނދާން ނެތިކޮށް ދިނުން⁠“ މިކަހަލަ ގޮތަކަށެވެ. 52ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެވަނަ ދަރިފުޅަށް އަފްރާއީމް އޭ ކިޔައި ނަން ދެއްވި ހިނދު މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން ވޭނާއި މުސީބާތުގައި ވީ ރަށުގައި މާތްކަލާނގެ އަހަރެންނަށް ދަރިން ދެއްވައިފި.⁠“#41‏:52 ޢިބްރާނީ ބަހުން ”⁠އަފްރާއިމް⁠“ މިބަހުގެ އަޑުއިވެނީ ދަރިމައިވުން، މިކަހަލަ ގޮތަކަށެވެ.
53މިޞްރަށް ތިޔާގިކަން ލިބިގެންވީ ހަތް އަހަރު ނިމުމަކަށް އައެވެ. 54އަދި ޔޫސުފުގެފާނު ވިދާޅުވި ފަދައިން ތަދުމަޑުކަމާއި ހައިހޫނުކަމުގެ ހަތް އަހަރު މިޞްރަށް ކުރިމަތިވިއެވެ. އަދި މުޅި ސަރަހައްދުގައި ވީ އެކިއެކި ރަށްތަކުގައި ވެސް އެދެވޭ ވަރަށް ކާބޯތަކެތި ލިބިފައި ނުމެނެތް މެއެވެ. ނަމަވެސް މިޞްރުގައި ގިނަޢަދަދަކަށް ގޮވާން ލިބެން ހުއްޓެވެ. 55މުޅި މިޞްރުގައި ހައިހޫނުކަން އޭގެ ނިހާޔަތުގައި ވިއެވެ. ދެން ކާބޯތަކެއްޗަށް އެދި ރަސްގެފާނަށް މީސްތަކުން އާދޭސް ކުރާންފެށިއެވެ. އެ ހިނދު ފިރުޢައުނު ރަސްގެފާނު މީސްތަކުންނަށް މިފަދައިން ބުންޏެވެ. ”⁠ތިޔަބައިމީހުންގެ އެދުމާއިގެން ޔޫސުފުގެ ގާތަށް ދޭ. އަދި އޭނާ އަންގާ ގޮތެއްގެ މަތިން އަމަލުކުރޭ.⁠“
56ތަދުމަޑުކަމާއި ހައިހޫނުކަން މުޅި މިޞްރަށް ވެރިވެފައި ވަނީ އޭގެ އިންތިހާގައެވެ. އެހެންވީމާ މިޞްރުގެ އަހުލުވެރިންނަށް ގޮވާންތައް ވިއްކެވުމަށް ޔޫސުފުގެފާނު ގުދަންތައް ހުޅުއްވިއެވެ. 57އަދި ހަމައެހެންމެ ދުނިޔޭގެ އެކިކަންކޮޅުތަކަށް މި ތަދުމަޑުކަމާއި ހައިހޫނުކަން ކުރިމަތިވެފައި ވުމުގެ ސަބަބުން އެކި ސަރަހައްދުތަކުން ގޮވާން ގަތުމަށް ޔޫސުފުގެފާނުގެ އަރިހަށް މިޞްރަށް މީސްތަކުން އަންނަމުން ދިޔައެވެ.

Currently Selected:

ފެށުން 41: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in