YouVersion Logo
Search Icon

ފެށުން 8

8
ދުނިޔޭގައި ބޮޑުވި ފެންގަނޑު ހިނދުން.
1ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ. 2ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ބެދި އަދި އުޑުގައި ހުޅުވިގެންވީ ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ބަންދުވިއެވެ. އަދި ވާރޭ ވެހުން ވެސް މުޅިން ހުއްޓުނެވެ. 3މަޑުމަޑުން ދުނިޔޭގެ ބިމުން ފެން ހިނދެން ފަށައިފިއެވެ. ފެންބޮޑުވިތާ ސަތޭކަ ފަންސާސް ދުވަސް ވީއިރު ވެސް ދުނިޔޭގައި ހެދިފައިވީ ފެންގަނޑު ދިޔައީ ހިނދެމުންނެވެ. 4އަދި ހަތްވަނަ މަހުގެ ސަތާރަވަނަ ދުވަހު ނޫޙުގެފާނުގެ ނައުކޮޅު އަރާރާޠުއޭ ކިޔުނު ފަރުބަދަތަކުގެ މައްޗަށް ބީހުނެވެ.
5ދިހަ ވަނަ މަހާއި ޖެހެންދެން ދުނިޔޭގައި އޮތް ފެންގަނޑު ހިކެމުން ދިޔައެވެ. އަދި ދިހަވަނަ މަހުގެ ފުރަތަމަ ދުވަހު ފަރުބަދަތަކުގެ ކޮޅުތައް ފެންނަން ފެށިއެވެ. 6‏-7މިއަށް ފަހު ސާޅީސްވަނަ ދުވަހު ނޫޙުގެފާނު ނައުކޮޅުގައި ހެއްދެވި ކުޑަދޮރު ހުޅުއްވިއެވެ. އަދި ނައުކޮޅުގައިވާ ދޫނިތަކުގެ ތެރެއިން ކާޅެއް ނަންގަވާ އޭތި ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. އޭތި ފެންގަނޑު ހިނދެންދެން އެއްކޮޅުން އަނެއްކޮޅަށް އުދުހެމުން ގެންދިޔައެވެ.
8ދެން އެކަލޭގެފާނު ހުދުކޮތަރެއް ނަންގަވާފައި ދޫކޮށްލެއްވިއެވެ. އެއީ ވެސް ދުނިޔޭގެ ބިންގަނޑުން ފެން ހިކުނުތޯ ބައްލަވާށެވެ. 9ނަމަވެސް ދުނިޔޭގެ ބިން އަދިވެސް ވަނީ ފެނުގެއަޑީގައި ކަމުން އެ ހުދުކޮތަރު ފައިޖައްސާލާނޭ ހިކިތަނެއް ނުލިބުމުން އެނބުރި ނޫޙުގެފާނުގެ އަރިހަށް އައެވެ.
ދެން ނޫޙުގެފާނު އަތްޕުޅު ދިއްކުރައްވާ އޭތި ހިއްޕަވާ އަނެއްކާވެސް ނަވަށް އެރުއްވިއެވެ.
10ނޫޙުގެފާނު ކުރިއެކޭ އެއްފަދައިން ހަތްދުވަސް ވަންދެން މަޑުކުރެއްވުމަށް ފަހު އަނެއްކާ ވެސް އެހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. 11އެދުވަހުގެ އިރުއޮއްސުނުއިރު އެ ހުދުކޮތަރު އެކަލޭގެފާނުގެ އަރިހަށް އައިއިރު އޭގެ ތުނބުގައި ޒައިތޫނި ގަހެއްގެ ތާޒާ ފަތެއް އޮތެވެ. އަދި ޙައިރާންކަމާއެކު އެ ފަތާ މެދު ބައްލަވާލެއްވުމުން ދުނިޔޭގެ ބިންގަނޑު ހާމަވާ ވަރަށް ފެންގަނޑު ހިކިއްޖެކަން ނޫޙުގެފާނަށް އެނގިވަޑައިގެންނެވިއެވެ.
12މިއަށް ފަހު ހަތް ދުވަހު މަޑުކުރެއްވުމަށް ފަހު ނޫޙުގެފާނު އަނެއްކާވެސް އެ ހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. މިފަހަރު އެ ކޮތަރު އެނބުރި އެކަލޭގެފާނުގެ އަރިހަކަށް ނައެވެ.
13ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އެއްއަހަރު ފުރާފުރިހަމަ ވިއެވެ. އަދި އެއަހަރުގެ ފުރަތަމަ މަހުގެ ފުރަތަމަ ދުވަހު ދުނިޔޭގައިވާ ފެންގަނޑު ވަނީ ހިނދެން ފަށާފައެވެ. އެދުވަހު ނޫޙުގެފާނު ނައުކޮޅުގައިވާ ފުރާޅު ނަންގަވައި ބެއްލެވިއިރު ދުނިޔޭގެ ބިންގަނޑު ވަނީ ހިކެން ކައިރިވެފައެވެ. 14އަދި ދެވަނަ މަހުގެ ހަތާވީސް ވަނަ ދުވަހު ދުނިޔޭގެ ބިންގަނޑު މުޅިން ހިކި ނިމިއްޖެއެވެ.
15ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. 16”⁠ތިބާއާއި، ތިބާގެ އަނބިމީހާއާއި ފިރިހެން ދަރިންނާއި އެދަރިންގެ އަނބިން ގޮވައިގެން ނަވުން ފައިބާ. 17އަދި ތިބާއާއެކު ނަވުގައި ވީ އެންމެހާ ދޫނިސޫފާ ސުތްޕަކާއި، ޖަނަވާރުތަކާއި އެހެނިހެން ދިރޭތަކެތި ވެސް ނަވުން ބާލުއްވައި ދުނިޔޭގެ ތެރެއަށް ދޫކޮށްލައްވާ. އެއީ އެ ތަކެތި ގިނަވެ އިތުރު ވުމަށްޓަކައި.⁠“
18ދެން ނޫޙުގެފާނު އެކަލޭގެފާނުގެ އަނބިދަރިންނާއި ޅީ ދަރިން ގޮވައިގެން ނާކޮޅުން ފައިބާ ވަޑައިގެންފިއެވެ. 19އަދި ނައުކޮޅުގައި ވީ އެންމެހާ ޖަނަވާރުތަކާއި ދޫނިސޫފާ ސޫތްޕެއް ޖޯޑުޖޯޑަށް ނައުކޮޅުން ފޭބިއެވެ.
20ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ. 21އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.
22ދުނިޔެ ދެމިއޮތްހާ ހިނދަކު
ގޮވާން އިންދުމުގެ މޫސުމާ ގޮވާން ކެނޑުމުގެ މޫސުން،
ފިނިމޫސުމާ ހޫނު މޫސުން،
ވިއްސާރަ މޫސުމާ ހަނަފަސް މޫސުން،
ދުވާލާއި ރޭގަނޑު،
ދުވަހަކު ވެސް ނިމުމަކަށް ނާންނާނެ.⁠“

Currently Selected:

ފެށުން 8: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in