ޔޫޙަންނާ 15:21-17
ޔޫޙަންނާ 15:21-17 ކމ
އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކައި ނިމުމުން އީސާގެފާނު ޝަމްއޫނު ޕަތަރަސް ކުރެން ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު. މިމީހުން އަހަރެން ދެކެ ލޯބިވާވަރަށް ވުރެ ބޮޑަށް ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޝަމްއޫނު ޕަތަރަސް ޖަވާބުގައި ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ ހުއިހައްޕާ މީހަކު ޅަކަންބަޅިތަކެއް ބަލަހައްޓާ ފަދައިން އަހަރެންގެ މީސްތަކުން ބަލަހައްޓާ!“ އީސާގެފާނު އަނެއްކާ ތަކުރާރު ކުރައްވާ އެއްސެވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟“ ޕަތަރަސް ދެންނެވިއެވެ. ”އާދެ ސާހިބާ! އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގިވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެންވިއްޔާ އަހަރެންގެ ކަންބަޅިތައް ގެންގުޅެ ބަލަހައްޓާ!“ އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!“