YouVersion Logo
Search Icon

މަރުކުސް 11

11
ކާމިޔާބު ގޮތެއްގައި ޖެރޫސަލަމަށް އީސާގެފާނު ވަދެވަޑައިގެންނެވި
1‏-2އީސާގެފާނާއި އަސްޙާބީން ޖެރޫސަލަމާއި ކައިރިވަމުން ދިޔައެވެ. އަދި ޒައިތޫނި ފަރުބަދަ މަތިގައިވާ ދެ އަވަށް ކަމުގައިވާ ބެތުފާގޭ އާއި ބެތާނިޔާ އާއި ކައިރީގައިވި ހިނދު އެކަލޭގެފާނުގެ ދެ އަސްޙާބީން އަރިހަށް ގެންނަވާ މިފަދައިން އިރުޝާދު ދެއްވާ ފޮނުއްވިއެވެ. ”⁠ކުރިމަތީގައިވާ އަވަށަށްދޭ. ތިޔަބައިމީހުންނަށް އެ އަވަށަށް ދެވުމާއެކު، އެތަނުގައި ބަނދެފައިވާ ޅަ ހިމާރެއް ފެންނާނެ. އެ ހިމާރަކީ މީގެ ކުރިން މީހަކު ދަތުރުކޮށްފައިވާ ހިމާރެއް ނޫން. ތިޔަބައިމީހުން ގޮސް އެ ހިމާރު މޮހާލައިގެން މިތަނަށް ގެނޭ. 3އަދި އެ ހިމާރު ތިޔަބައިމީހުން މޮހާލުމުން ހިމާރު މޮހާލީ ކީއްވެގެންތޯ މީހަކު ސުވާލު ކޮށްފިނަމަ ބުނޭ. ’⁠މާތްސާހިބާ އެ ހިމާރަށް އެދިގެންވެޔޭ. އަދި ލަސްތަކެއްނުވެ އަނބުރާ އެ ހިމާރު ފޮނުވައިދޭނަމޭ.⁠‘⁠“
4‏-5އެގޮތުން، އަސްޙާބީން އެ އަވަށަށް ދިޔައިރު ގެއެއްގެ ދޮރު ކައިރީގައި މަގަށް ފެންނަ ގޮތަށް ބަނދެފައިވާ ޅަ ހިމާރެއް އެބޭކަލުންނަށް ފެނުނެވެ. އެ ހިނދު އެބޭކަލުން އެ ހިމާރު މޮހަން ތިއްބާ ދުށް މީހުން އެބޭކަލުންނާއި ސުވާލުކުރިއެވެ. ”⁠ތިޔަބައިމީހުން ތިޔަ ޅަ ހިމާރު މޮހެލަނީ ކީއްކުރަން؟⁠“
6އެބޭކަލުން އީސާގެފާނު އިރުޝާދުދެއްވި ފަދައިން ޖަވާބު ދިނެވެ. އަދި އެބައިމީހުން ހިމާރު ގެންދިޔުމުގެ ހުއްދަ ދިނެވެ. 7އެބޭކަލުން އެ ޅަ ހިމާރު އީސާގެފާނުގެ އަރިހަށް ގެނައެވެ. އަދި އެބޭކަލުންގެ ސާލުތަކުން ހިމާރުގެ ބުރަކަށި މަތީގައި ވަށައިގެން އެޅުމުން އީސާގެފާނު އެ ހިމާރުގެ މައްޗަށް އަރާވަޑައިގެންނެވިއެވެ. 8އެކަލޭގެފާނު ވަޑައިގެންނެވި މަގުމަތީގައި ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ސާލުތައް ފަތުރަމުން ގެންދިޔައެވެ. އެ ހިނދު އަނެއް ބަޔަކު ގަސްތަކުން ކެނޑި އޮފިތައް މަގުމަތީގައި ފަތުރަމުން ގެންދިޔައެވެ. 9އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިނގާފައި ދިޔަ މީހުންނާއި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ މީހުންތައް އަޑުހަރުކޮށް ގޮވަމުން ދިޔައެވެ. ”⁠ޙަމްދާއި ސަނާ ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެކަލާނގެ ނަންފުޅުން ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދެ!#ޒަބޫރު 118‏:26 10އަހަރެމެންގެ ކާބަފައިކަލުން ދާއޫދުގެފާނުގެ އަންނަން އޮތް ރަސްކަމަށް ރަޙުމަތް ލައްވާނދެ! އެންމެހާ ޙަމްދާއި ޘަނާއެއް ޙައްޤުވަނީ މަތީއުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެއަށް!⁠“
11އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވުމަށް ފަހު ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އަދި ވަށައިގެންވީ އެންމެހާ ތަކެއްޗަށް ބައްލަވާލެއްވިއެވެ. ނަމަވެސް އެވަގުތަކީ ދުވަހުގެ ލަސް ވަގުތެއް ކަމަށް ވާތީ، އެކަލޭގެފާނު ވަޑައިގެންނެވީ އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި ބެތާނިޔާ އަށެވެ.
ވައްތީނިގަހެއް މިލައިމޯޅިވުން
12އޭގެ އަނެއް ދުވަހު އެބޭކަލުން ބެތާނިޔާއިން އެނބުރި އައި މަގުމަތީގައި އީސާގެފާނު ބަނޑުހައިފުޅުވިއެވެ. 13އެ ހިނދު އެކަލޭގެފާނަށް މާދުރު ނޫން ހިސާބެއްގައި ހުރި ފަތްތަކުން ފުރިފައިވާ ވައްތީނި ގަހެއް ފެނިވަޑައިގެން އެ ގަހުގައި ވައްތީނި އަޅާފައި ހުރިތޯ ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އެކަލޭގެފާނު އެގަހާ ކައިރިވެ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނިވަޑައިގެންނެވީ މުޅިގަސް ފަތުން ފުރިފައިވީތަނެވެ. ސަބަބަކީ އެއީ ވައްތީނި މޫސުމަށް ނުވުމެވެ. 14އެ ހިނދު އީސާގެފާނު އެ ވައްތީނިގަހަށް ވިދާޅުވިއެވެ. ”⁠ތިޔަގަހުގެ ވައްތީނި އެއްވެސް ފަރާތަކަށް މިއަދަށް ފަހު ކާކަށް ނުލިބޭނެ!⁠“
އަދި އަސްޙާބީންނަށް މިބަސްފުޅުގެ އަޑު އިވުނެވެ.
އީސާގެފާނު ބައިތުލްމަޤްދިސް ސާފުކުރެއްވުން
15އެބޭކަލުންނާއިއެކު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވާ ބައިތުލް މަޤްދިސަށް ވަޑައިގެންނެވިއެވެ. އެ ހިނދު ބައިތުލް މަޤްދިސްގެ ގޯތިތެރޭގައި ގަނެވިއްކަން ތިބި އެންމެން ނެރެ ބޭރުކޮށްލައްވާ ފައިސާމާރުކުރަން ތިބި މީހުންގެ މޭޒުތަކާއި ކޮތަރު ވިއްކަން ތިބި މީހުންގެ ގޮނޑިތައް އެފުށްމިފުށަށް ޖެއްސެވިއެވެ. 16އަދި އެއްވެސް މީހަކަށް ބައިތުލްމަޤްދިސްގެ ހަރިންމަ ތެރެއަށް އެއްވެސް ބާވަތެއްގެ ވިޔަފާރި މުދަލެއް ވެއްދުމަށް ހުރަސް އެޅުއްވިއެވެ. 17އެއަށް ފަހު އެކަލޭގެފާނު މީސްތަކުންނަށް އުނގަނަވައިދެއްވަން ފެއްޓެވިއެވެ. ”⁠ލިޔެވިގެންވީ މުޤައްދަސް ފަތްފުށްތަކުގައި މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ، ’⁠ތިމަންކަލާނގެ ގެކޮޅަކީ އެންމެހާ ޤައުމުތަކުގެ މީސްތަކުންގެ ދުޢާކުރުމުގެ ގެކޮޅުކަމުގައޭ.⁠‘#އިޝަޢުޔާ 56‏:7 އެކަމަކު ކަލޭމެން މިތަން ވަގުންގެ ހާއްޔަކަށް ހަދައިފި.⁠“#އިރުމިޔާ 7‏:11
18 ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނަށް މި ޚަބަރު އިވި އެބައިމީހުން އީސާގެފާނު އަވަހާރަ ކޮށްލާނެ ގޮތެއް ހޯދަމުން ގެންދިޔައެވެ. އެބައިމީހުން އެކަލޭގެފާނުދެކެ ބިރުގަނެއެވެ. ސަބަބަކީ އެކަލޭގެފާނުގެ އުނގަންވައި ދެއްވުމާއިމެދު އެއްމެހައި މީސްތަކުން އަޖައިބު ކުރުވާތީއެވެ.
19އިރު އޮއްސުމާއެކު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެތަނުން ނުކުމެވަޑައިގެން ރަށުތެރެއަށް ވަޑައިގަތެވެ.
ވައްތީނި ގަހުގެ މިސާލުގައި ދެއްވި ފިލާވަޅު
20އަނެއް ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެބޭކަލުން މަގުގައި އޮތްގޮތަށް ވަޑައިގެންނެވި ހިނދު، އެބޭކަލުންނަށް ވައްތީނި ގަސް ފެނިވަޑައިގަތެވެ. މުލުން ފެށިގެން މުޅި ގަސް ވަނީ މަރުވެފައެވެ. 21މިކަން ހިނގިގޮތް ހަނދާންވެ އީސާގެފާނަށް ޕަތަރަސް ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ނިކަން ބައްލަވާލައްވާ. ކަލޭގެފާނު ބަދުބަސް ވިދާޅުވި ވައްތީނިގަސް އެވަނީ މަރުވެފަ!⁠“
22އީސާގެފާނު އެބޭކަލުންނަށް ޖަވާބު ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ އަށް އީމާންތެރިވޭ. 23އަހަރެން ބުނަންތަ؟ ތިޔަބައިމީހުން މި ފަރުބަދައަށް ’⁠އޭގެ އަމިއްލަ ޒާތުގައި މުލުންލުހިގެންގޮސް ކަނޑަށް ވެއްޓިބަލާށޭ.⁠‘ ބުނެވިދާނެ. އެމީހެއްގެ ހިތުގައި އެއްވެސް ޝައްކުކަމެއްނެތި އެމީހާ ބުނާ ބުނުމާއި އެއްފަދައިން ކަންތައްވާނެ ކަމުގެ އީމާންތެރިކަން އެމީހާގެ ހުންނަން ޖެހޭނެ. އެހެން ކަމުގައިވާނަމަ މާތްރަސްކަލާނގެ އެމީހަކަށްޓަކައި އެފަދަ ކަންތައްތައް ކޮށްދެއްވާނެ. 24އެހެންވީމާ، ތިޔަބައިމީހުންނަށް އަހަރެން ބުނަން، މާތްރަސްކަލާނގެއަށް ދުޢާކުރުމުގައި އެދި ދަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް ލިބިފައިވާ ކަމުގައި ގަބޫލުކުރޭ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ދުޢާ ޢިޖާބަ ކުރައްވާނެ. 25ތިޔަބައިމީހުން ތެދުވެ ދުޢާކުރާހިނދު އެއްވެސް މީހަކާމެދު ނުރުހުންތެރިވާ އެއްވެސްކަމެއް އޮތަސް ވެސް އެމީހަކަށް މަޢާފުކުރޭ. އޭރުން އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެ. 26ތިޔަބައިމީހުން އެހެން މީހުންގެ ކުށްތަކަށް މަޢާފު ނުދޭނަމަ އުޑުގައި ވޮޑިގެންވާ ބައްޕާފުޅު ވެސް ތިޔަބައިމީހުންގެ ފާފަތައް ޢަފޫ ނުކުރައްވާނެ.⁠“#11‏:26 ގުރީކު ބަހުން ލިޔެވިފައިވާ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކުގައި މި އާޔަތެއް ނުހިމެނެއެވެ
އީސާގެފާނުގެ އަމުރުވެރިކަން
27އެހެން ފަހަރެއްގައި އެބޭކަލުން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. އަދި އީސާގެފާނު ބައިތުލްމަޤްދިސްގެ ތެރޭގައި ހިންގަވަމުން ގެންދަވަނިކޮށް ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި ބަނީއިސްރާއީލުގެ ބޮޑުން އެކަލޭގެފާނުގެ އަރިހަށް އައެވެ. 28އަދި އެބައިމީހުން އެކަލޭގެފާނަށް ބުންޏެވެ. ”⁠މިހުރިހާ ކަމެއް ކުރުމަށް ކަލެއަށް އޮތީ ކޮން ޙައްޤެއް؟ އެ ޙައްޤު ކަލެއަށް ދިނީ ކޮންފަރާތަކުން؟⁠“
29އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންގެ ކައިރިން އަހަން ބޭނުމީ އެންމެ ސުވާލެއް، އަދި ތިޔަބައިމީހުން އެ ސުވާލަށް ޖަވާބު ދީފިނަމަ މި އަމަލުކުރުމަށް އަހަރެންނަށް ލިބިދީފައިވާ ޙައްޤު ތިޔަބައިމީހުންނަށް އަންގައިދޭނަން. 30އަހަންނަށް ބުނެދީބަލަ. ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުން ހިނެވުމުގެ ޙައްޤު ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެތަ؟ ނޫނީ އިންސާނެއްގެ ފަރާތުންތަ؟⁠“
31އެބައިމީހުންގެ މެދުގައި އެކަކު އަނެކަކަށް މިފަދައިން މަޝްވަރާކޮށް ވިސްނަމުން ގެންދިޔައެވެ. ”⁠ކީކޭ އަހަރެމެން ބުނާނީ؟ އަހަރެމެންގެ ޖަވާބުގައި އެއީ މާތްރަސްކަލާނގެ ކަމުގައި ބުނެފިނަމަ އެކަލޭގެފާނު ބުނާނެ. ’⁠އެހެންވީއިރު ތިޔަބައިމީހުން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެންހޭ؟⁠‘ 32މިތިބަ މީސްތަކުންނަށް ޔަޙުޔާގެފާނަކީ ރަސޫލު ބޭކަލެއްކަން އެނގޭއިރު ޔަޙުޔާގެފާނަށް އެ ޙައްޤު ދެއްވީ އިންސާނެކޭ އަހަރެމެންނަކަށް ނުބުނެވޭނެ.⁠“
އެބައިމީހުން ތިބީ މީސްތަކުން ދެކެ ބިރުންނެވެ. 33އެހެންވެ، އެބައިމީހުން އީސާގެފާނަށް ޖަވާބު ދިނެވެ. ”⁠އަހަރެމެންނަކަށް ނޭނގެ.⁠“
އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަހެން ކަމުގައިވާނަމަ އަހަރެން މިކުރާ ކަންތައްތައް ކުރުމުގެ ޙައްޤު އަހަރެންނަށް ދިން ފަރާތެއް ވެސް ނުބުނާނަން.⁠“

Currently Selected:

މަރުކުސް 11: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in