މަރުކުސް 14
14
އީސާގެފާނާއި ދެކޮޅަށް މަޝްވަރާކޮށް ރޭވުން
1 ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ. 2އަދި އެބައިމީހުންގެ ތެރޭގައި މަޝްވަރާ ކުރެވުނެވެ. ”އަހަރެމެން މިކަން ކުރަންވާނީ މި ޢީދު ތެރޭގައެއް ނޫން. އަހަރެމެން މި ޢީދު ތެރޭގައި މިކަން ކޮށްފިނަމަ މީސްތަކުން އަހަރެމެންނާއި ދެކޮޅަށް ބަޣާވާތްކުރާނެ.“
ބެތާނިޔާގައި އީސާގެފާނުގެ ބޯފުޅު އަތަރުން ދޮންނެވުން
3އީސާގެފާނު ބެތާނިޔާގައި ހުންނަ ސިމްޢާނުގެ ގޭގައި ހުންނެވިއެވެ. މި ސިމްޢާނުއަކީ ޖުޒާމު ބަލީގެ ވޭނުގައި މީގެކުރިން އުޅުނު މީހެކެވެ. އީސާގެފާނު ފަރީއްކުޅުވަމުން ގެންދެވިހިނދު ސަންގުމަރުމަރު ހިލައިގެ އަގުބޮޑު އަތަރު ފުޅިއެއް ހިފައިގެން އަންހެނަކު އައެވެ. އެފުޅީގެ މަތި ހަލާކު ކޮށްލުމަށް ފަހު އެ ފުޅީގައި ހުރި ހުރިހާ އަތަރެއް އީސާގެފާނުގެ އިސްތަށިފުޅަށް އޮއްސާލިއެވެ. 4އެތަނުގައި ތިބި ބައެއް މީސްތަކުން މިކަމާއި ހިތްހަމަނުޖެހި ރުޅިއައިސް އެކަކު އަނެކަކަށް ބުންޏެވެ. ”މި ގޮތަށް ހުވަނދު އިސްރާފު ކުރުމުގެ ބޭނުމަކީ ކޮބާ؟ 5ތިން ސަތޭކަ ދީނާރަށް ވުރެން ބޮޑު އަގެއްގައި އެ ހުވަނދުފުޅި ވިއްކާލެވޭނެ.#14:5 ތިން ސަތޭކަ ދީނާރަކީ އެދުވަސްވަރު އަހަރަކު މީހަކަށް ލިބޭނެ އާމްދަނީއެވެ. އަދި އެފައިސާ ފަގީރުންނަށް ދެވޭނެ!“ އަދި އެބައިމީހުން މިކަމާއި އޭނާއަށް ވަރަށް ހަރުކަށިކޮށް ފާޑުކިޔައި ހެދިއެވެ.
6ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”އެ ކަނބުލޭގެ އެކަން ކުރުމަށް ދޫކޮށްލާ! އެކަނބުލޭގެއާ ދިމާކުރަނީ ކީއްވެ؟ އަހަރެންނަށްޓަކައި އެކަނބުލޭގެ ކޮށްދެމުން އެގެންދަނީ ވަރަށް އެއްވަނައިގެ ކަމެއް. 7ތިޔަބައިމީހުންނާއިއެކު އަބަދުވެސް ފަގީރުންވާނެ. އަދި ބޭނުން ވަގުތެއްގައި އެމީހުންނަށް އެހީތެރިވެވިދާނެ. ނަމަވެސް ތިޔަބައިމީހުންގެ ކައިރީގައި އަބަދަށް އަހަރެން ނުހުންނާނެ. 8އެކަނބުލޭގެ އެކުރަނީ އެކަނބުލޭގެ ކުރެވެން އޮތްކަންތައް. އެ ކަނބުލޭގެ އަހަރެންގެ ހަށިގަނޑަށް އެއަތަރު އޮއްސައިދިނީ އަހަރެންގެ ޖަނާޒާއަށް ތައްޔާރު ކޮށްދިނުމުގެ ގޮތުން. 9މި ހިނދު އަހަރެން ތިޔަބައިމީހުންނަށް ޔަޤީންކަންދެން. ދުނިޔޭގެ ކޮންމެ ތަނެއްގައި ހެޔޮޚަބަރުފުޅުން ވަޢުޡު އިއްވެމުން ދާހިނދު އެކަނބުލޭގެ އެކުރި ކަންތައްތަކުގެ ހަނދާން އާ ކުރެވެމުން ދާނެ.“
ޔުދާސް އީސާގެފާނަށް ޚިޔާނާތްތެރި ވުމަށް އެއްބަސްވުން
10ދެން ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް އީސާގެފާނަށް ޚިޔާނާތްތެރިވެ އެބައިމީހުންނާއި އެކަލޭގެފާނު ޙަވާލުކުރެވޭނޭ ގޮތެއް ރާވައިދިނެވެ. 11އެބައިމީހުން މި އިވިދިޔަ ވާހަކަތަކާ މެދު ނުހަނު އުފާކޮށް އޭނާއަށް ފައިސާ ދިނުމަށް ވަޢުދުވިއެވެ. އެގޮތުން އެބައިމީހުންނާއި އީސާގެފާނު ޙަވާލު ކުރެއްވޭނެ ރަނގަޅު ފުރުސަތަކަށް ޔުދާސް ބަލަން ފެށިއެވެ.
ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތުގައި އަސްޙާބީންނާއި އެކުގައި ބައިވެރިވެ ވަޑައިގަތުން
12ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ޤުރުބާނުގެ ގޮތުން މި ޢީދުގެ ޚާއްސަ ޖާފަތަށް ޅަ ކަންބަޅިއެއް ކަތިލާންޖެހެއެވެ.#ނެރުއްވުން 12:1-27 އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”މި ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ޖާފަތް ކަލޭގެފާނަށްޓަކައި އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތާނކުތޯ؟“
13އެ ހިނދު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ދެ ބޭފުޅަކަށް މިފަދައިން އިރުޝާދު ދެއްވައި ފޮނުވިއެވެ: ”އަވަށު ތެރެއަށްދޭ. އަދި ފެން ގުޅިއެއް ހިފައިގެން އަންނަ ފިރިހެނަކާއި ތިޔަބައިމީހުންނާއި ބައްދަލުވާނެ. އެމީހާގެ ފަސްފަހަތުން ދޭ. 14އޭނާ ވަންނަ ގެއަށް ވަދެ އެ ގޭގެ ވެރިމީހާއަށް ބުނޭ: ’އެދުރުކަލޭގެފާނު ބުންޏޭ، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަސްޙާބީން މި ޢީދުގެ ޖާފަތް ބާއްވަންވީ ކޮޓަރި ކޮބައިހޭ؟‘ 15އެއަށް ފަހު މަތީ ބުރީގައި ހުރިހާ ކަމެއް ތަރުތީބުކުރެވި ފުރިހަމަ ކުރެވިފައިވާ ބޮޑު ކޮޓަރިއެއް އެ މީހާ ތިޔަބައިމީހުންނަށް ދައްކާނެ. އެތަނުގައި އަހަރެމެންނަށްޓަކައި ތިޔަބައިމީހުން ހުރިހާ އެއްޗެއް ތައްޔާރުކުރޭ.“
16އެކަލޭގެފާނުގެ އަސްޙާބީން އަވަށުގެ ތެރެއަށް ދިޔައެވެ. އަދި އީސާގެފާނު އެބޭކަލުންނަށް އިރުޝާދު ދެއްވި ފަދައިން ހުރިހާކަމެއް ހިނގާދިޔަތައް އެބޭކަލުންނަށް ފެނުނެވެ. އެއާއެކު ފަހަނަޅައި ދިއުމުގެ ޢީދުގެ ޖާފަތް އެކަލޭގެފާނު ވިދާޅުވި ފަދައިން ތައްޔާރުކޮށް ނިންމެވިއެވެ.
17އިރުއޮއްސި ދިޔަ ހިނދު އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިއެކުގައި އެ ގެއަށް ވަޑައިގެންނެވިއެވެ. 18އަދި އެ ހުރިހާ ބޭކަލުން މޭޒުގެ ވަށައިގެން ތިއްބަވާ ފަރީއްކުޅުވަމުން ގެންދެވިއެވެ. އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް އަހަރެން ބުނަންތަ؟ ތިޔަބައިމީހުންގެ ތެރެއިން އަހަރެންނަށް ޚިޔާނާތްތެރިވާނެ ފަރާތް މި ކެއުމުގައި އަހަރެންނާއި އެކު ސުފުރާ ކުރަމުންއެބަދޭ.“
19އެންމެހައި އަސްޙާބީން ފުން ހިތާމައާއިއެކު ނުތަނަވަސްވެ ތިބެ ފަހަރަކު މީހަކު އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”ހަމަޔަޤީނުން ވެސް ކަލޭގެފާނު ތިޔަ މާނަ ކުރެއްވީ އަޅުގަނޑަކަށްނޫން. އެހެން ނޫންތޯ؟“
20އީސާގެފާނު ޖަވާބުދެއްވިއެވެ. ”އެމީހަކީ ތިޔަ ބާރަ މީހުންގެ ތެރެއިން އެކަކު. އަހަރެންނާއިއެކުގައި މިހާރު ވެސް މިތަށިން ކާތަކެތި ނަގައި ކާން އިން މީހެއް. 21މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން ނިޔާވާނެ. ނަމަވެސް އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ވާ ހިތާމައެއްގެ ބޮޑުކަމާއެ! އެފަދަ މީހަކު ދުނިޔެއަށް އުފަން ނުވިނަމަ އޭނާއަށް މާ ރަނގަޅުވީސް!“
ރޫޙާނީ އެއްބައިވަންތަކަމުގެ ފަރިއްކޮޅު
22އެބޭކަލުން ފަރީއްކުޅުވަމުން ގެންދެވިހިނދު، އީސާގެފާނު ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު ފަޅި ކުރައްވައި އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވުމަށް ފަހު ވިދާޅުވިއެވެ. ”ތި ރޮށިކޮޅު ކާލާ. ތިޔައީ އަހަރެންގެ ހަށިގަނޑު.“
23އެއަށް ފަހު އެކަލޭގެފާނު މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރެއްވުމަށް ފަހު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެއްވިއެވެ. އަދި އެންމެހާ ބޭކަލުން އެތަށިން ހިއްޕެވިއެވެ. 24އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”ތިޔައީ އަހަރެންގެ ލޭ. ތިޔަ ލޭ އޮއްސާލެވެނީ އެތައް ބަޔަކަށްޓަކައި. އަދި މިއީ މީސްތަކުންނާއި މާތްރަސްކަލާނގެ އާއި ދެމެދުގައި ގާއިމު ކުރެވޭ އާ ޢަހުދުނާމާ. 25އަހަރެން ތެދަށް ބުނަންތަ؟ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ތާޒާ ބުއިމެއް ބުއިމުގެ ކުރީގައި އަހަރެން ދެނެއް މިފަދަ ބުއިމެއް ނުބޯނަން.“
26ދެން އެބޭކަލުން ހަމްދާ ސަނާގެ ލަވައެއް ކިޔުމަށް ފަހު ޒައިތޫނި ފަރުބަދަ މައްޗަށް ދިޔައެވެ.
27އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން އެންމެން ވެސް އަހަރެން ދޫކޮށް ދުވެ ރައްކާވެދާނެ. އެހެނީ މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިފައި ވަނީ މިހެން.
’ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.‘#ޒަކަރިއްޔާ 13:7 28ނަމަވެސް އަހަރެން މަރުވުމަށް ފަހު ދިރުއްވުމުން ތިޔަބައިމީހުންގެ ކުރިން ގަލީލީއަށް ގޮސް އެރަށުގައި ތިޔަބައިމީހުންނާއި ބައްދަލު ކުރާނަން.“
29ޕަތަރަސް އެކަލޭގެފާނަށް ދެންނެވިއެވެ. ”މި އެންމެން ކަލޭގެފާނު ދޫކޮށްލެއްވިއަސް އަޅުގަނޑު ކަލޭގެފާނު ދޫކޮށް ނުލާނަން.“
30އީސާގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”އަހަރެން ބުނަންތަ؟ މިރޭ ފަތިހުގެ ހާ ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.“
31ޕަތަރަސް އިހުނަށް ވުރެން ސާބިތު ކަމާއެކުގައި ދެންނެވިއެވެ. ”ކަލޭގެފާނާއިއެކުގައި ނިމި ދިޔަ ކަމުގައި ވިއަސް އަޅުގަނޑު ކަލޭގެފާނު ނުދަންނަ ކަމުގައި ނުބުނާނަން!“
އަދި އެހެނިހެން އަސްޙާބީން ވެސް މިމޭރުމުން ދެންނެވިއެވެ.
ގަތުސެމާނޭބަގީޗާގައި އީސާގެފާނު ދުޢާފުޅު ކުރެއްވުން
32އެއަށް ފަހު އެބޭކަލުން ވަޑައިގެންނެވީ ގަތުސެމާނެ ބަގީޗާގެ ނަމުން ނަންދެވިފައިވާ ތަނަކަށެވެ. އަދި އެތަނުގައި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”އަހަރެން ދުޢާކޮށް ނިމިގެން އަންނަންދެން މިތާނގައި އިށީނދެގެން ތިބޭ.“ 33އަދި އެކަލޭގެފާނުގެ އަރިހުގައި ޕަތަރަސްއާއި ޔާމިޒާއި ޔޫޙަންނާ ގެންދެވިއެވެ. އެ ހިނދު އެކަލޭގެފާނު ފުން ހިތާމައާއި ވޭނުން ފުރިގެން ވިއެވެ. 34އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި އަސްޙާބީންނަށް ވިދާޅުވިއެވެ. ”އަހަރެންގެ ހިތުގައިވާ ފުން ހިތާމަތައް އަހަރެން މަރުވުމެކޭ އެއްފަދަ ކުރުވާ. ތިޔަބައިމީހުން މިތަނުގައި ހޭލާ ތިބޭތި.“
35-36ކުޑަ ތަންކޮޅެއް ކުރިއަށް ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު ބިންމައްޗަށް ތިރިވެ ވަޑައިގަންނަވާ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. އަދި އެކަލޭގެފާނާއިމެދު ކުރިމަތިވަމުން އަންނަ ވޭންދެނިވި ވަގުތާއިމެދު އެކަލޭގެފާނު ވަނީ ފުން ހިތާމައިގައެވެ. އަދި އެވަގުތު އެކަލޭގެފާނާއި ކުރިމަތި ނުކުރެއްވުމަށް އެދި އެކަލޭގެފާނު ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ. ”އަޅުގަނޑުގެ ބައްޕާފުޅާ! އެންމެހާ ކަންތައްތައް ކުރެއްވުމަށް ބައްޕާފުޅު ކުޅަދުންވަންތަވެ ވޮޑިގެންވޭ. ބައްޕާފުޅަށް ކުރެއްވެން އޮތްނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން ނަންގަވައި ދެއްވާނދޭވެ. ނަމަވެސް އަޅުގަނޑު އެދޭ އެދުމަށް ވުރެން ބައްޕާފުޅު އެދެވޮޑިގެންވާ ގޮތުގެ މަތިން މިކަންތައްތައް ހިންމަވައިދެއްވާނދޭވެ.“
37އެއަށް ފަހު އެކަލޭގެފާނު އަސްޙާބީންގެ ކައިރިއަށް އެނބުރި ވަޑައިގެންނެވި ހިނދު އެ ތިން އަސްޙާބީންނަށް ވަނީ ނިދިފައެވެ. އެ ހިނދު އެކަލޭގެފާނު ޕަތަރަސްއަށް ވިދާޅުވިއެވެ. ”ޕަތަރަސް، ނިދަނީތަ؟ އެއްގަޑިއިރު ވެސް ހޭލާ ނުތިބެވޭ ތަ؟“ 38އަދި އެބައިމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ހޭލާ ތިބޭ! އަދި ވަސްވާސްތަކުގެ ތެރެއަށް ވެއްޓިގެންދިޔަ ނުދިނުމަށްޓަކައި ދުޢާކުރޭ. ތިޔަބައިމީހުންގެ ރޫޙު އެދެނީ ހެޔޮ އަމަލުތައް ކުރުމަށް. ނަމަވެސް ޖިސްމާނީ ގޮތުން ތިޔަބައިމީހުން ވާނީ ބަލިކަށިވެގެން.“
39އެއަށް ފަހު އީސާގެފާނު އެބޭކަލުންނާއި ތަންކޮޅެއް ދުރަށް ވަޑައިގަންނަވާ ކުރީފަހަރު ވިދާޅުވި ބަސްފުޅުތަކުން އިތުރަށް ދުޢާ ދެންނެވިއެވެ. 40ދެން އެކަލޭގެފާނު އެނބުރި އަސްޙާބީންގެ ކައިރިއަށް ވަޑައިގެންނެވި ހިނދު އެބޭކަލުންނަށް ވަނީ ނިދިފައެވެ. އެއީ އެބޭކަލުންގެ ލޯތައް ހުޅުވައިގެން ތިބުމަށް އެބޭކަލުންނަށް ކުޅަދާނަ ވެގެން ނުވުމުންނެވެ. އަދި އެކަލޭގެފާނަށް ދެއްވާނޭ ޖަވާބެއް އެބޭކަލުންގެ ވިސްނުމަކަށް ނައެވެ.
41އެބޭކަލުންގެ ކައިރިއަށް ތިންވަނަ ފަހަރަށް އެކަލޭގެފާނު އެނބުރި ވަޑައިގެންނެވުމަށް ފަހު ވިދާޅުވިއެވެ. ”ތިޔަބައިމީހުން މިވަގުތު އަރާމުގައި ނިދަނީތަ؟ މިހާރު ފުދޭ ވަރު ވެއްޖެ! ސަމާލުވޭ! އިންސާނާގެ ދަރިކަލުންނަށް ޚިޔާނާތްތެރިވެ، ފާފަވެރިންގެ އަތްމައްޗަށް ހުށަހެޅޭނެ ވަގުތު މިވަނީ ކުޑަތަންވެފަ! 42ތެދުވެ ދިއުމަށް ތައްޔާރުވޭ. ބަލާބަލަ، އަހަރެންނަށް ޚިޔާންތެރިވި މީހާ މިހިރީ!“
އީސާގެފާނު ހައްޔަރު ކުރެއްވުން
43އީސާގެފާނު އެބޭކަލުންނާއި ވާހަކަފުޅު ދައްކަމުން ގެންދެވި ހިނދު ބާރަ އަސްޙާބީންގެ ތެރޭގައި ހިމެނިގެންވީ ޔުދާސް އެތަނަށް އައެވެ. އޭނާ އާއި އެކުގައި ކަނޑި އާއި މުގުރުބުރި ހިފައިގެން ތިބި އެތައްބަޔަކު ވިއެވެ. އެބައިމީހުންނީ ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުންނާއި އަދި ބަނީއިސްރާއީލުގެ ބޮޑުން ފޮނުވި ބައެކެވެ. 44މި ޚިޔާނާތްތެރިޔާ، ޔުދާސް، މީސްތަކުންނަށް އަންގައިދީފައި ވަނީ މި އިޝާރާތުންނެވެ. ”އަހަރެން ގޮސް ބޮސް ދޭނީ ތިޔަބައިމީހުން ބޭނުންވެފައިވާ މީހާއަށް. އޭނާ ހައްޔަރު ކުރުމަށް ފަހު ފާރަވެރިންނާއި ޙަވާލު ކުރޭ.“
45ޔުދާސްއަށް އެތަނަށް އާދެވުމާއި އެކު އޭނާ އީސާގެފާނުގެ އަރިހަށް ގޮސް ”އެދުރުކަލޭގެފާނު!“ އޭ ބުނެ އެކަލޭގެފާނަށް ބޮސް ދެއްވިއެވެ. 46އެއާއެކު އެބައިމީހުން އީސާގެފާނު ހިފާ ހައްޔަރު ކޮށްފިއެވެ. 47ނަމަވެސް އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބޭކަލަކު ކަނޑި އުރައިން ދަމައިގަތުމަށް ފަހު ދިން ޙަމަލާއެއްގައި އުއްތަމަ އިމާމުގެ ނޯކަރެއްގެ އެއް ކަންފަތް ކަނޑާލިއެވެ. 48އެއަށް ފަހު އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ 49ދުވަހުން ދުވަހަށް ބައިތުލް މަޤްދިސްގައި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން އަހަރެން ގެންދިޔައިރު ތިޔަބައިމީހުން އަހަރެން ހައްޔަރެއް ނުކުރި. އެހެނަސް މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވީ ކަންތައްތައް އެގޮތުގެ މަތީން ޙަޤީޤަތަކަށް ވެގެންދާން ޖެހޭނެ.“
50އެއާއެކު އެންމެހައި އަސްޙާބީން އެކަލޭގެފާނު ގިނިކަންޏާ ދޫކޮށްލެއްވުމަށް ފަހު ދުވެ ފިލިއެވެ. 51އެ ހިނދު ހުދުފޮތީގެ ފޭރާމެއް އަނދެގެން ހުރި ޒުވާން ފިރިހެނަކު އެތަނުގައިވިއެވެ. އަދި އީސާގެފާނާއިމެދު ކަންތައްތައް ވަމުން ދާ ގޮތް އޭނާ ބަލަމުން ގެންދިޔައެވެ. އެބައިމީހުން މި ޒުވާން ފިރިހެނާ ހައްޔަރު ކުރަން މަސައްކަތް ކުރިއެވެ. 52އެހެނަސް އޭނާ އަނދެގެން ހުރި ފޭލި އެބައިމީހުންގެ އަތަށް ދޫކޮށް ލުމަށް ފަހު ޢައުރަ ކަޝްފު ވެގެންވީ ޙާލުގައި ދުވެ ފިލިއެވެ.
އީސާގެފާނު ބަނީއިސްރާއީލުގެ ދީނީ ކޯޓަށް ގެންދެވުން
53އެއަށް ފަހު އެބައިމީހުން އުއްތަމަ އިމާމުގެ ގެއަށް އީސާގެފާނު ގެންދެވިއެވެ. އޭރު އެތަނުގައި ބޮޑު އިމާމުންނާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި، އަދި ދީނުގެ ދަންނަބޭކަލުން އެ ގޭގައި އެއްވެ ތިއްބެވެ. 54ޕަތަރަސް ކުޑަ ތަންކޮޅެއް ދުރުން މިކަންތައްތައް ބަލަމުން ގޮސް އުއްތަމަ އިމާމުގެ ގޯތިތެރެއަށް ވަނެވެ. އެތަނުގައި އިށީނދެގެންތިބި ފާރަވެރިންގެ ކައިރީގައި އޭނާ އިށީނދެ އެތަނުގައި ރޯކުރެވިފައިވީ އަލީފާނުން އޭނާގެ ހަށިގަނޑަށް ހޫނު ކުރަމުން ގެންދިޔައެވެ. 55އީސާގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ސާބިތު ކުރެވޭފަދަ ހެކިތަކެއް ލިބޭތޯ ބޮޑު އިމާމުންގެ އިތުރުން ބަނީއިސްރާއީލުގެ ދީނީ ކޯޓުގެވެރިން ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެބައިމީހުންނަށް އެއްވެސް ހެއްކެއް ލިބިގެން ނުވިއެވެ. 56ގިނަ ޢަދަދެއްގެ މީސްތަކުން ވެގެން އީސާގެފާނާއި ދެކޮޅަށް ދޮގުހެކި ދިން ކަމުގައި ވިޔަސް އެއިން އެއްވެސް މީހެއްގެ ވާހަކަ އެކަކުއަނެކަކު ކިޔާ އެއްޗަކާ ދިމައެއް ނުވެއެވެ.
57އެތަނުން ބަޔަކުމީހުން ތެދުވެ އީސާގެފާނާއި ދެކޮޅަށް ދޮގުހެކި ބަސް ދިނެވެ. 58”އަހަރެމެން އަޑުއެހިން އޭނާ ބުނި އަޑު. ’އިންސާނުންގެ އަތުން ޢިމާރާތް ކޮށްފައިވާ ބައިތުލް މަޤްދިސް ތަޅާލައި ބިމާ ހަމަކޮށްލުމަށް ފަހު ތިން ދުވަސް ތެރޭގައި މީހެއްގެ ކުޑަވެސް އެހީއަކާ ނުލާ ބިނާކޮށްފާނަމޭ.‘“ 59މި ހެކި ބަހާއި މެދުގައި ވެސް އެބައިމީހުންނަށް އެއްބަހެއް ނުވެވުނެވެ.
60ދެން އުއްތަމަ އިމާމު ތެދުވެގެން އައިސް އެންމެނާއި ކުރިމަތިލައިގެން ހުރެ އީސާގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއާއި ދެކޮޅަށް އެބައިމީހުން އުފުލަމުން ދާ ތުހުމަތާއިމެދު ކަލޭ ދޭނޭ ޖަވާބެއް ނެތްތަ؟“
61އެހެނަސް އީސާގެފާނު ޖަވާބެއް ނުދެއްވާ ހަނުހިމޭނުން ހުންނެވިއެވެ. އަނެއް ފަހަރު އުއްތަމަ އިމާމު އެކަލޭގެފާނާއި ސުވާލު ކުރެއްވިއެވެ. ”ކަލެއަކީ އަހަރެމެން އަޅުކަންކުރާ މަތިވެރި ފަރާތުގެ ދަރިކަލުން އަލްމަސީޙު ތަ؟“#14:61 ބަނީއިސްރާއީލުންގެ ތެރޭގައި ”މަތިވެރި ރަސްކަލާނގެ ދަރިކަލުން“ މި ބަސް ބޭނުންކުރަނީ އަލްމަސީޙަށް ނިސްބަތް ކުރައްވައެވެ. އަދި އަލްމަސީޙަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނޭ ފަރާތެވެ. އަލްމަސީޙު ކަމުގައި އެކަލޭގެފާނު ވިދާޅުވުމުން ކުފުރުވެ ވަޑައިގަތުންކަމުގައި އެބައިމީހުން ދުށްމެއެވެ.
62އީސާގެފާނު ޖަވާބު ދެއްވިއެވެ. ”ތިޔައީ ތެދެއް. އިންސާނާގެ ދަރިކަލުން މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިންނަވައި އުޑުން ވިލާތަކުގެ ތެރޭން ވަޑައިގަންނަވާތަން ތިޔަބައިމީހުންނަށް ފެންނާނެ!“#ދާނިޔާލް 7:13
63އުއްތަމަ އިމާމު އޭނާގެ އަމިއްލަ ރިދާ އިރާލާފައި ބުންޏެވެ. ”އިތުރު އެއްވެސް ހެއްކެއް އަހަރެމެންނަކަށް ބޭނުމެއްނުވޭ! 64އޭނާގެ ކުފުރުގެ ބަސްތައް ތިޔަބައިމީހުންނަށް އަޑު އިވިއްޖެ. ތިޔަބައިމީހުންގެ ނިންމުމަކީ ކޮބާ؟“
އެ ހުރިހާ އެންމެން އެކަލޭގެފާނު ކުށްވެރިކޮށް މަރު ޙައްޤު ވެއްޖެ ކަމަށް ނިންމައިފިއެވެ.
65އަދި އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނުގެ ހަށިކޮޅަށް ކުޅުޖަހައި އެކަލޭގެފާނު ކަނުބެންނެވުމަށް ފަހު އެކަލޭގެފާނުގެ ގައިކޮޅުގައި ތަޅައި އެކަލޭގެފާނަށް ބުނަމުން ދިޔައެވެ. ”ނަބީބޭކަލެއް ވެއްޖިއްޔާ ބުނެބަލަ! ކާކު ޖެހިހެން ހީވަނީ!“ އަދި އެތަނުގައި ތިބި ފާރަވެރިން އެކަލޭގެފާނު ގެންދަވާ ތަޅައި އަނިޔާ ކުރަން ފެށިއެވެ.
ޕަތަރަސް އީސާގެފާނު ދަންނަކަމުގައި އިންކާރު ކުރުން
66އޭރުން ސުރެން ޕަތަރަސް އުއްތަމަ އިމާމުގެ ގޯތިތެރޭގައި އިށީނދެގެން އިނެވެ. އެ ހިނދު އުއްތަމަ އިމާމުގެ ނޯކަރު އަންހެނަކު އައެވެ. 67މި އަންހެނާއަށް ޕަތަރަސް އޭނާގެ ހަށިގަނޑަށް ހޫނުކުރަން އެތަނުގައި އިންދާ ފެނުނެވެ. އެ ހިނދު މި އަންހެނާ ފަރުވާތެރި ކަމާއެކު ޕަތަރަސްއަށް ބަލާލައިފައި ބުންޏެވެ. ”ކަލެއަކީ ވެސް ނާޒަރަތުގެ އީސާ އާއި އެކުގައި އުޅުނު މީހެއް.“
68ނަމަވެސް ޕަތަރަސް އެކަމާ ދެކޮޅު ހަދައި ބުންޏެވެ. ”އަހަންނަކަށް ނޭނގެ ކަލޭ ތިޔަ ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގުނު.“ މިފަދައިން ޖަވާބު ދިނުމަށް ފަހު ޕަތަރަސް އެތަނުން ބޭރަށް ދިއުމަށްޓަކައި ވަންނަ ދޮރުގެ ކައިރިއަށް ދިޔައެވެ. އެވަގުތު ހާލެއް ގޮވިއެވެ. 69އަދި ޕަތަރަސް އެތަނުގައި ހުއްޓާ އެ ނޯކަރު އަންހެނާއަށް ޕަތަރަސް ފެނިގެން އެތަނުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”މިހިރީ ވެސް އޭނާ އާއި އެކުގައި ވީ މީހެއް!“ 70މިފަހަރު ވެސް ޕަތަރަސް އެކަމާ އިންކާރު ކުރިއެވެ.
އޭގެ ކުޑަ ހިނދުކޮޅެއް ފަހުން އެތަނުގައި ތިބި މީސްތަކުން ޕަތަރަސްއާއިމެދު ތުހުމަތުކޮށް ބުންޏެވެ. ”ހަމަޔަޤީން. ކަލެއަކީ ވެސް އޭނާއާއި އެކުގައިވާ މީހެއް. ސަބަބަކީ ކަލެއަކީ ވެސް ގަލީލީން އައިމީހެއް.“
71ދެން ޕަތަރަސް ބުންޏެވެ. ”އަހަރެން ހުވާ ކޮށްފައި ބުނާ މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ކަލޭމެން ތިޔަ ވާހަކަ ދައްކާ މީހާއެއް އަހަރެންނަކަށް ނޭނގެ!“
72އެ ހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.
Currently Selected:
މަރުކުސް 14: ކމ
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.