YouVersion Logo
Search Icon

މަރުކުސް 16

16
އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން
1ސަބަތުގެ ދުވަސް ނިމުމުން،#16‏:1 އާދީއްތަވިލޭރޭ މަރިޔަމް މަގްދަލޭނާ އާއި ޔާމިޒުގެ މަންމަ މަރިޔަމް އާއި ސަލްމާ އީސާގެފާނުގެ ހަށިކޮޅު ކަފުން ކުރެއްވުމަށްޓަކައި މީރުވަސްދުވާ ހުވަނދު ގަތެވެ. 2އަދި އާދީއްތަ ދުވަހުގެ އިރުއަރައިގެން އައި ހިނދު މި އަންހެނުންތައް އީސާގެފާނު ވެޑުވިފައިވީ ޒިޔާރަތަށް ދިޔައެވެ. 3‏-4މިބައިމީހުން ދިޔަ މަގުމަތީގައި އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠ޒިޔާރަތުގެ ދޮރުމަތީގައި ވީ ހިލަ އަހަރެމެންނަށް ދުރުކޮށްދޭނީ ކާކު؟⁠“ (މި ހިލައަކީ ވަރަށް ބޮޑު ހިލައެކެވެ.) ދެން މި އަންހެނުންތައް ޒިޔާރަތުގެ ދޮރާ ދިމާލަށް ބަލާލި ހިނދު އެ ހިލަ އެއްފަރާތް ކޮށްފައިވީތަން ފެނުނެވެ. 5އެހެންވެ، މިބައިމީހުން ޒިޔާރަތުގެ ތެރެއަށް ވަނެވެ. އެ ހިނދު ހުދުކުލައިގެ ރިދާކޮޅެއްގައި ވީ ޒުވާން ފިރިހެނަކު މިބައިމީހުންގެ ކަނާތް ފަރާތުގައި ވަނިކޮށް ފެނި އިންތިހާއަށް ބިރުގަތެވެ.
6އެބޭކަލަކު ވިދާޅުވިއެވެ. ”⁠ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ. 7އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި ޚާއްސަކޮށް ޕަތަރަސްއަށް މި ޚަބަރުދީ: އީސާގެފާނު ތިޔަބައިމީހުންނަށް ވުރެން ކުރިން ގަލީލީއަށް ވަޑައިގަންނަވާނެ. އެކަލޭގެފާނު ވިދާޅުވެފައިވާ ފަދައިން އެރަށުގައި ތިޔަބައިމީހުންނަށް އެކަލޭގެފާނު ފެނިވަޑައިގަންނަވާނެ.⁠“
8އެއާއެކު އެ އަންހެނުންތައް ބިރުން ތުރުތުރުއަޅައި އާޝޯޚުވެތިބެ ޒިޔާރަތުން ބޭރަށް ނުކުމެ ދުއްވައިގަތެވެ. އަދި އެބައިމީހުން ބިރުން ތިބި ވަރުން އެކެއްގެ ގާތު އެކައްޗެއް ވެސް ނުބުނެވުނެވެ.
މަރިޔަމް މަޤްދަލޭނާއަށް އީސާގެފާނު ފެނިގެންވި
9އީސާގެފާނު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވީ އާދީއްތަ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ. އެންމެ ފުރަތަމަ އެކަލޭގެފާނު ފެނުނީ މަރިޔަމް މަގްދަލޭނާ އަށެވެ. އީސާގެފާނު ވަނީ، މި މަރިޔަމް މަގްދަލޭނާ ހަތް ޖިންނީގެ އުނދަގުލުން ސަލާމަތް ކޮށްދެއްވާފައެވެ. 10އަދި އެކަނބުލޭގެ ގޮސް އީސާގެފާނުގެ އަސްޙާބީންނަށް އެކަލޭގެފާނާއިމެދު ކަންތައް ހިނގާދިޔަ ގޮތުގެ ޚަބަރު ދިން ހިނދު އެބޭކަލުން ވީ ފުންހިތާމައާއި އެކު ރުއިމުގައެވެ. 11އަދި އެކަނބުލޭގެއަށް އީސާގެފާނު ފެނިވަޑައިގަންނަވާ ދިރިދުނިޔޭގައި ހުންނެވި ޚަބަރު އެބޭކަލުން އެހި ނަމަވެސް މިކަން އެބޭކަލުން ގަބޫލެއްނުކުރެއެވެ.
އީސާގެފާނު އެކަލޭގެފާނުގެ ދެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގަތުން
12މިއަށް ފަހު އީސާގެފާނު ތަފާތު އެހެން ޙާލަތެއްގައި އެކަލޭގެފާނުގެ ދެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެއީ މި ދެ އަސްޙާބީން ޖެރޫސަލަމް ދޫކޮށް ރަށުތެރެއަށް ދާން ހިނގަމުން ދިޔަ މަގުމަތީގައެވެ. 13އެބޭކަލުން އެނބުރި އައިސް އެހެނިހެން އަސްޙާބީންނަށް މި ވާހަކައިން ޚަބަރު ދިނެވެ. ނަމަވެސް މިކަން ގަބޫލުކުރުމަށް އެބޭކަލުން ފަސްޖެހުނެވެ.
އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީންގެ ކުރިމަތީގައި
14އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.
15އަދި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އިޢުލާން ކުރުމަށްޓަކައި ދޭ. 16މިކަންތައްތަކާއިމެދުގައި އީމާންވެ ތައުބާގެ ހިނެވުމުން ހިނެވިގެންވީ ފަރާތްތަކަށް ދިންނެވުން ލިބިދޭނެ. އަދި މިކަންތައްތައް ގަބޫލު ނުކުރާ ފަރާތްތައް ކުށްވެރިވެގެން ދާނެއެވެ. 17އީމާންތެރިވި ފަރާތްތަކަށް މުޢުޖިޒާތްތައް ދެއްކުމުގެ ކުޅަދާނަކަން ލިބިދޭނެ. އެފަދަ މީހުންނަށް ޖިންނީގެ އުނދަގޫތަކުން މީސްތަކުން ރަނގަޅު ކުރުމަށާއި ތަފާތު އެކިއެކި ބަސްތަކުން ވާހަކަ ދައްކުމުގެ ކުޅަދާނަކަން ލިބޭނެ. 18ވިހަ ހަރުފަ އަތަށް ނަގައި އޭގެ ވިހަ ލުމަކުން އަދި ޒަހަރު ބުއިމަކުން އެފަދަ އީމަންތެރިކަމުގައިވާ ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.#16‏:18 މި އާޔަތް މާނަ ކުރައްވާފައި ވަނީ އީމާންތެރިކަމުގައިވާ ފަރާތްތަކަށް ދިމާވެދާނެ މުސީބާތްތަކާއި އަނިޔާތަކެވެ. އެއީ ފުރިހަމަ އީމާންތެރިކަމުގައި ސާބިތުވުމެވެ. މިފަދަ އީމާންތެރިކަމެއްގައިވާ ފަރާތަކަށް ހަރުފަ ވިހަލައި އަދި ޒަހަރު ދިނުމަކުން ގެއްލުމެއް ނުލިބޭނެކަމެވެ. އަދި އެބައިމީހުންގެ އަތްތިލަތައް ބީހިލުމުން މީސްތަކުންގެ ބަލިތަކަށް ޝިފާލިބި ރަނގަޅުވެދޭ.⁠“
އީސާގެފާނު އުޑަށް އުފުއްލެވުން
19މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ.#16‏:19 ގުރީކު ބަހުން މި މިސާލުބަސް ބޭނުކޮށްފައި ވަނީ ”⁠އަދި މާތްރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އެކަލޭގެފާނު ވެޑުވިއެވެ.⁠“ މި ޢިބާރާތުންނެވެ. 20އޭގެ ފަހުން އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޢުޡު އިއްވަމުން ގެންދެވިއެވެ. އަދި މާތްސާހިބާ އެބޭކަލުންނާ އެކުގައި ވަޑައިގެންވެ އެ މުޢުޖިޒާތްތަކުގެ އެހީގައި އެބޭކަލުންގެ ރިސާލަތު ޙަޤީޤަތަކަށް ހައްދަވައި ދެއްވަމުން ގެންދެވިއެވެ. #16‏:20 ބައެއް ލިޔުއްވުންތަކުގައި މިބާބުގެ އަށްވަނަ އާޔަތުގެ ފަހުން މި ބާބުގެ ނިމުން ގެންނަވާފައި ވަނީ މި ޢިބާރާތުންނެވެ. ”⁠ދެން އެ އަންހެނުންތައް ޕަތަރަސްއާއި އޭނާގެ ބައިވެރިންނަށް ހިންގާދިޔަ ޙާދިސާތަކުގެ ޚަބަރުން ތަފުސީލު ކޮށްދިނެވެ. އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކަލޭގެފާނުގެ މަތިވެރިކަމާއި އަދި އަބަދަށްޓަކައި ދިންނެވުން ލިބިދޭނެ ބަސްފުޅުން މީސްތަކުންނަށް ޚަބަރުކުރުމަށް ފޮނުއްވިއެވެ.⁠“

Currently Selected:

މަރުކުސް 16: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in