YouVersion Logo
Search Icon

މަރުކުސް 7

7
ދީނީ ދަންނަބޭކަލުންގެ ނުބައި ގޮތް
1ޖެރޫސަލަމުން އައި ބައެއް ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނުގެ ވަށައިގެން އެއްވިއެވެ. 2އެއީ އެބައިމީހުންނަށް އީސާގެފާނުގެ ބައެއް އަސްޙާބީން ދީނީ އުސޫލުތަކާއި ޚިލާފަށް އެބޭކަލުންގެ އަތް ނުދޮވެ ސުފުރާ ކުރަން ތިއްބާ ފެނުމުންނެވެ.
3ބަނީއިސްރާއީލު މީހުން، ޚާއްސަކޮށް ފަރީސީން އެބައިމީހުން ކައިބޮއި ހަދާއިރު އާދަކާދައިގެ މަތިން އަތް ދޮންނަން އޮންނަ ޙާއްސަ ގޮތަށް އަތް ދޮވެގެން ނޫނީ ކައި ބޮއި ނުހަދައެވެ. 4ހަމައެހެންމެ ބާޒާރުން ގެނެވޭ ކެއުމުގެ ތަކެތި ވެސް ދޮވެގެންމެ ނޫނީ ނުކައެވެ. އަދި އެބައިމީހުންނާއި ހަމައަށް ވާސިލުވެފައިވާ ތަފާތު އާދަތަކަށް ބަލައިގެން ކުރިޔަށްދެއެވެ. އެމީހުންގެ އުސޫލުތަކުގައި އޮންނަ ގޮތުން ޖޯޑުތަކާއި، ތެލިތަކާއި، އެނދުއަށިތައް ދޮވެ ހަދައެވެ.
5އެގޮތުގެ މަތިން ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަސްޙާބީން ކާބަފައިންގެ އުނގަންނައިދިނުންތަކަށް ނުބަލާ އަދި ކެއުމުގެ ޢާންމު އުސޫލުތަކަށް ބެލުމުގެ ބަދަލުގައި ނުތާހިރު އަތްތަކުން ކައިބޮއި ހަދަނީ ކީއްވެ؟⁠“
6އެބައިމީހުންނަށް އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެންނާއި މެދު ނަބީ ޔަޝަޔާޙުގެފާނު އަންގަވައިދެއްވި އިލާހީ އަންގަވައިދެއްވުން ކިހާ ތެދު! ތިޔައީ މުނާފިޤު ބައެއް! މާތްރަސްކަލާނގެ ވަޙީ ބަސްފުޅު އެކަލޭގެފާނަށް ބާވައިލެއްވުމުން މިފަދައިން ބަޔާންކުރައްވާ ލިޔުއްވާފައިވޭ:
’⁠މިފަދަ މީހުން އެބައިމީހުންގެ ބަސްތަކުން ތިމަންކަލާނގެއަށް ޤަދަރުކުރާކަން ދައްކައޭ.
އެކަމަކު އެބައިމީހުންގެ ހިތްތައްވަނީ ތިމަންކަލާނގެ އާއި ދުރުގައޭ.
7އެފަދަމީހުން ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރުމުގެ މާނައެއް ނެތޭ.
ސަބަބަކީ ތިމަން ކަލާނގެ އަމުރުފުޅު އުނގަންނައި ދިނުމުގެ ބަދަލުގައި،
އެފަދަމީހުން އުނގަންނައިދޭނީ އެމީހުންގެ އަމިއްލަ ބުނެދިނުންތަކޭ!⁠‘#އިޝަޢުޔާ 29‏:13
8ކަލޭމެން މާތްރަސްކަލާނގެ އަމުރުފުޅު އެއްކިބާކޮށް ތަބާވާނީ ކަލޭމެންގެ އަމިއްލަ ބުނެދިނުންތަކުގެ މައްޗަށް.⁠“
9އަދި އީސާގެފާނު މިފަދައިން ވިދާޅުވެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠ކަލޭމެންގެ އަމިއްލަ އާދަކާދަ ހިފެހެއްޓުމަށްޓަކައި މާތްރަސްކަލާނގެ އަމުރުފުޅާއި ދެކޮޅުވެރިވި. 10މޫސާގެފާނު ގެނެސް ދެއްވި މާތްރަސްކަލާނގެ އަމުރުފުޅުގައި ވަނީ: ’⁠ތިޔަބައިމީހުންގެ ބައްޕައާއި މަންމައަށް އިޙްތިރާމު ކުރޭ.⁠‘#ނެރުއްވުން 20‏:12 އަދި ’⁠އެކަކު ވެސް ބައްޕައާއި މަންމައާއި މެދު ބަދުދުޢާ ކޮށްފިނަމަ އެމީހަކު މަރާލަން ވާނެ.⁠‘#ނެރުއްވުން 21‏:17 11ނަމަވެސް ކަލޭމެން މީސްތަކުންނަށް އަންގައިދެނީ އެބައިމީހުންގެ މައިންބަފައިންނަށް މިފަދައިން ބުނުމަކީ ވެސް ހުއްދަ ކަމެއް ކަމުގަ. ’⁠އަހަރެންނަށް އެހީތެރި ވެވޭކަށް ނެތޭ. މައިންބަފައިންނަށްޓަކައި އަހަރެންގެ އަތުގައި ހުރި ތަކެތި މާތްރަސްކަލާނގެއަށްޓަކައި ޤުރުބާން ކޮށްފީމޭ.⁠‘ 12އެފަދަ މީހުން ވަނީ އެބައިމީހުންގެ މައިންބަފައިންނަށް އެހީތެރިވުމަށް ނުކުޅެދިފަ. 13ކަލޭމެންގެ އަމިއްލަ އުސޫލުތަކުން މީސްތަކުންނަށް އުނގަންނައިދޭނަމަ މާތްރަސްކަލާނގެ ބަސްފުޅު ކަލޭމެން އުވައިލި ކަމުގައި ބެލެވޭނެ. އަދި މިފަދަ އެތައް ކަމެއް ކަލޭމެން ކުރަމުން ގެންދޭ.⁠“
އިންސާނާ ނަޖިސްކުރާ ތަކެތި
14އެއަށް ފަހު އެއްވެފައިވާ މީސްތަކުންނަށް އައިސް އަޑުއެހުމަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ހުރިހާ އެންމެން އަޑުއަނހައި، ދޭހަވޭތޯ ބަލާ! 15ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ކާތަކެއްޗަކުންނޫން. ތިޔަބައިމީހުން ނަޖިސްވަނީ ތިޔަބައިމީހުން ބުނާ ބުނުންތަކުންނާއި ތިޔަބައިމީހުންގެ އަމަލުތަކުން. 16ތިޔަބައިމީހުންގެ ތެރެއިން ކަނފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!⁠“#7‏:16 ގުރީކު ބަހުން ލިޔެވިފައިވާ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކުގައި މި އާޔަތެއް ނުހިމެނެއެވެ.
17އެއްވެފައިވާ މީސްތަކުން ދޫކޮށް އީސާގެފާނު ގޭ ތެރެއަށް ވަދެވަޑައިގަތެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހުގައި އެ ވިދާޅުވި މާނަފުން ބަސްފުޅު ޝަރަޙަ ކޮށްދެއްވުމަށް އެދި ދެންނެވިއެވެ. 18”⁠އެމީހުންނެކޭ އެއްފަދައިން ތިޔަބައިމީހުންނަށް ވެސް ދޭހައެއް ނުވިތަ؟⁠“ މިސުވާލު އީސާގެފާނު އެބޭކަލުންނާއި ކުރައްވައި އިތުރަށް ވިދާޅުވިއެވެ. ”⁠ތިޔަބޭކަލުންނަށް އެނގިގެންނުވޭތަ؟ މީހެއްގެ ހަށިގަނޑުން ބޭރުން އެމީހެއްގެ ހަށިގަނޑުގެ ތެރެއަށްދާ އެއްވެސް އެއްޗަކުން އެމީހާ ޙަޤީޤަތުގައި ނުތާހިރެއް ނުވާނެ. 19ސަބަބަކީ އެތަކެތި ދަނީ އެމީހެއްގެ ހިތަކަށް ނޫން. ނަމަވެސް ބަނޑަށް. އަދި އެތަކެތި ހަޖަމު ވުމަށް ފަހު ހަށިގަނޑުގެ ތެރެއިން ބޭރުވެގެންދޭ.⁠“ (މިހެން ވިދާޅުވެލެއްވުމުން ކެއުމަށް އެކަށޭނަ އެންމެހާ ތަކެތި ކެއުމަކީ ހުއްދަ ވެގެންވާ ކަމެއްކަމުގައި އީސާގެފާނު އިޢުލާނު ކުރެއްވިއެވެ.)
20އެއަށް ފަހު އީސާގެފާނު އިތުރަށް ވިދާޅުވަމުން ގެންދެވިއެވެ. ”⁠ނަޖިސްވެގެން ވަނީ އެމީހާގެ ހިތުން ނުކުންނަ ބަސްތަކާ އަމަލުތައް. 21އެމީހާގެ ހިތުން ނުކުންނަ ފާޙިޝް ޚިޔާލުތައް، ޖިންސީ ފާފަވެރިކަން، ވައްކަން ކުރުމާއި ފޭރުން، މީހުން މެރުން. 22ކައިވެނީގައި ތެދުވެރި ނުވުން، ދަހިވެތިކަން، އަނިޔާވެރިކަން، ޚިޔާނާތްތެރިކަން، ވަޙުޝީ ނުބައި އަމަލުތައް ކުރުން، ޙަސަދަވެރިކަން، ބަދުނާމުކުރުން، ބޮޑާކަމާއި ކިބުރުވެރިކަން، ޖާހިލުކަން. 23މިހުރިހާ ކަންތައްތަކަކީ އެމީހެއްގެ ހިތުން ނުކުންނަ ކަންތައްތައް. މިފަދަ ކަންތައްތަކަކީ އެމީހާ ނަޖިސްކޮށް އަދި މާތްރަސްކަލާނގެ ކިބަފުޅާއި އެމީހާ އެކަހެރި ކުރުވާނެ ކަންތައްތައް.⁠“
ބަނީއިސްރާއީލު ދަރިކޮޅު ނޫން އެހެން ދަރިކޮޅެއްގެ އަންހެނެއްގެ އީމާންތެރިކަން
24އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ. 25އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ. 26މި އަންހެނާއަކީ ސޫރިޔާގެ ސަރަހައްދުގައި ވީ ފެނީސިޔާ އަށް އުފަން އަންހެނެކެވެ. އަދި މި އަންހެނާ އަކީ ބަނީއިސްރާއީލު ދަރިކޮޅުގެ މީހެއްނޫނެވެ. ޖިންނީގެ އުނދަގުލުގައި ވީ މިއަންހެނާގެ އަންހެންދަރިފުޅު ސަލާމަތް ކޮށްދެއްވުމަށް އެދި އީސާގެފާނުގެ އަރިހުގައި އާދޭސް ދެންނެވިއެވެ. 27އެ ހިނދު އީސާގެފާނު ވިދާޅުވިއެވެ. ”⁠ފުރަތަމަ ކާނދޭންވާނީ ދަރިންނަށް! އެ ދަރިންނަށް ހުރި ކާނާ ގެންގޮސް ކުއްތާތަކަށް ކާންދިނުމަކީ ރަނގަޅު ކަމެއް ނޫން.⁠“
28އެ އަންހެނާ ޖަވާބު ދިނެވެ. ”⁠ތިޔައީ ތެދުފުޅެއް! މާތް ސާހިބާ. އެހެނަސް ކުއްތާތައް މޭޒުގެ ދަށުގައި އޮންނަ ހިނދު އެކުދިންގެ ކާތަށިން ބިންމައްޗަށް އެޅެމުން ދާ ކުދި އެތި އެތި ކޮޅުން އެތަކެއްޗަށް ކާންލިބޭ.⁠“
29އެއާއެކު އީސާގެފާނު އެ އަންހެނާއަށް ވިދާޅުވިއެވެ. ”⁠ތިޔަ ދިން ފުރިހަމަ ޖަވާބުގެ ސަބަބުން ގެއަށްދޭ. ކަނބުލޭގެ އަންހެންދަރިފުޅު ޖިންނީގެ އުނދަގުލުން ސަލާމަތް ވެފައިވާތަން ކަނބުލޭގެއަށް ފެންނާނެ.⁠“
30އެ އަންހެނާ އެނބުރި ގެއަށް ދިޔައިރު އޭނާގެ އަންހެންދަރިފުޅު އެނދުގައި އޮށޯވެ އޮތެވެ. އަދި ޖިންނީގެ އުނދަގުލުން އެދަރިފުޅު ވަނީ މުޅިން ރަނގަޅުވެފައެވެ.
ބީރު އަދި މަންމަނު ފިރިހެނެއްގެ ބަލި އީސާގެފާނު ހެޔޮ ކޮށްދެއްވުން
31ދެން އީސާގެފާނު ޞޫރުން އެނބުރި ޞައިދޫނަށް ވަޑައިގެންނެވިއެވެ. އެއަށް ފަހު ގަލީލީ ކަނޑުގެ ސަރަހައްދަށް ވަޑައިގަންނަވާ ދެކާޕޮލިސް ސަރަހައްދަށް ވަޑައިގެންނެވިއެވެ. 32އެ ހިނދު ބީރު އަދި ވާހަކަ ދެއްކުމަށް ނުކުޅެދިގެންވާ މީހަކު މީސްތަކުން ވެގެން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ މީހާގެ ގައިގައި އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެބައިމީހުން އެކަލޭގެފާނަށް އާދޭސް ކުރެއްވިއެވެ.
33ދެން އީސާގެފާނު އެއްވެފައިވާ މީސްތަކުންނާއި އެފިރިހެނާ އެއްފަރާތް ކުރައްވައި އެ ފިރިހެނާގެ ކަންފަތުގެ ތެރެއަށް އެކަލޭގެފާނުގެ އިނގިލިފުޅު ލެއްވިއެވެ. އެއަށް ފަހު އެކަލޭގެފާނުގެ އިނގިލިކޮޅަށް ކުޅު ޖައްސަވާ އެ ފިރިހެނާގެ ދުލުގައި އަތްޕުޅު ލެއްވިއެވެ. 34އަދި އުޑާ ދިމާލަށް އީސާގެފާނު ބައްލަވާ ފުންނޭވާފުޅެއް ލެއްވުމަށް ފަހު އޭނާގެ ގާތުގައި ”⁠އެއްފަތާ!⁠“ އޭ ވިދާޅުވިއެވެ. މި ބަހުގެ މާނައަކީ ”⁠ހުޅުވޭށެވެ!⁠“ 35އެ ހިނދު އެ ފިރިހެނާއަށް އަޑުއިވި، އަދި އެއްވެސް އުނދަގުލެއް ނެތި ފަސޭހަ ކަމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.
36އެއަށް ފަހު މި ހިނގާދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކަށް ބުނެ ނުދިނުމަށް އީސާގެފާނު މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު މިކަން އިތުރަށް ސިއްރު ކުރުމަށް އެދިވަޑައިގަތަސް މީސްތަކުން މިވާހަކައިގެ ޚަބަރު އިތުރަށް ފަތުރަމުން ގެންދިޔައެވެ. 37އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”⁠އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!⁠“

Currently Selected:

މަރުކުސް 7: ކމ

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for މަރުކުސް 7