ލޫކާސް 21

21
ފަޤީރަކު މާތްރަސްކަލާނގެ ކިބަފުޅަށް ކުރި ހޭދަ
1އީސާގެފާނު ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރޭގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮށީގެ ކައިރީގައި މީސްތަކުން އެޔަށް ފައިސާ އަޅާތަން ބައްލަވަން ހުންނެވިއެވެ. މުއްސަނދި ފައިސާވެރިން އެފޮއްޓަށް ވަރަށް ބައިވަރު ފައިސާއެޅިއެވެ. 2އެފޮއްޓަށް ފައިސާ ލާން އައި މީހުންގެ ތެރޭގައި ފަގީރު ފިރިމަރުވެފައި ވީ އަންހެނަކު ވެސް ވިއެވެ. އޭނާ އެތަނަށް ގޮސް އެފޮއްޓަށް ކުޑަކުޑަ ދެލާރި ވައްޓާލިއެވެ. 3އީސާގެފާނު ވިދާޅުވިއެވެ. ”⁠ހަމަ ކަށަވަރުން، މި ފަގީރު ފިރިމަރުވެފައިވާ އަންހެންމީހާ އެފޮއްޓަށް އެލީ ފައިސާ މާތްރަސްކަލާނގެ ކިބަފުޅުގައި އެހުރިހާ މުއްސަނދި މީހުން އެޅި ހުރިހާ ރުފިޔާޔަށް ވުރެ މާ އަގުހުރި އެއްޗެއް ކަމުގައި ވޭ. 4އެހެނީ އެމުއްސަނދި މީހުން އެ އެޅި ފައިސާއަކީ އެމީހުންނަށް ބޭނުމެއްނެތް ފައިސާ. ނަމަވެސް މި ފަގީރު އަންހެންމީހާ އެލީ ކުޑަ ލާރިކޮޅަކީ އޭނާގެ އަތުގައި ކާނޭއެއްޗެއް ގަތުމަށް ވީ ފައިސާކޮޅު. އަދި އޭނާގެ އަތުގައި ވާނަމަ ވާ ހުރިހާ ފައިސާއެއް ވެސްމެ.⁠“
ފަހުޒަމާނުގެ އަލާމާތްތައް
5އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ބައެއްމީހުން ބައިތުލް މަޤްދިސްގެ ހަރަމްފުޅު ތެރެ ޒީނަތްތެރި ކުރެވިފައިވާ ރީތި ހިލަތަކާއި އަދި މާތްރަސްކަލާނގެ ކިބަފުޅަށްޓަކައި ހަދިޔާ ކުރެވިފައިވާ އަގުބޮޑު ހަދިޔާތަކާއި ބެހޭގޮތުން ވާހަކަދައްކަމުން ގެންދިޔައެވެ. ދެން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. 6”⁠ކަލޭމެންނަށް މިހާރު ތިޔަ ފެންނަ ތަން މުޅިން ނެތިވެ ގޮސް އެންމެ ގާބުރިއެއް ވެސް އަނެއް ގާބުރި އެއްގެ މަތީ ނުވާނެ ދުވަހެއް އެބަ އާދޭ.⁠“
7އެބައިމީހުން ސުވާލު ކުރިއެވެ. ”⁠އެދުރުކަލޭގެފާނު. ތިޔަ ވިދާޅުވި ގޮތަށް ކަންތައްތައް ވާނީ ކޮން އިރަކުންތޯ؟ އަދި އެކަންތައް ވާން އުޅޭ ކަމުގެ އަލާމާތަކަށް ވާނީ ކޮން ކަމެއް ތޯ؟⁠“
8އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. ”⁠ފަރުވާވެ ވިސްނައިގެން ތިބޭ. މީހަކު ބުނާހާ ބަހަކަށް ނުހެއްލޭތި. އެއީ އަހަރެންގެ ނަމުގައި އެތައް ބަޔަކު ވެސްއަންނާނެ. އެމީހުން ބުނާނެ. ’⁠ފަހު ޒަމާނުގެ ވަގުތު ކައިރިވެއްޖޭ. ތިމަން މިއީ މާތްރަސްކަލާނގެ ފޮނުއްވުމަށް ކަނޑައަޅުއްވާފައިވާ އަލްމަސީޙުއޭ.⁠‘ ކަލޭމެން އެފަދަ މީހުން ދައްކާ މަގުން ނުދާތި. 9ހަނގުރާމަތަކާ ބަޣާވާތްތަކުގެ އަޑުއިވި އެކަމާބިރު ނުގަންނާތި. މިފަދަ ކަންތައްތައް ފުރަތަމަ އެ ގޮތަށް ވާން ޖެހޭނެ. ނަމަވެސް އެކަންތައްތަކަކީ ފަހު ޒަމާން އައިސްޖެހިއްޖެ ކަމުގެ ނިޝާންތަކެއް ނޫން.⁠“
10ދެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އެއް ޤައުމު އަނެއް ޤައުމަކާއި އިދިކޮޅު ވާނެ. އަދި އެއް ވެރިކަމެއް އަނެއް ވެރިކަމަކާއި ދެކޮޅުވާނެ. 11ދުނިޔޭގެ އެކި ހިސާބުތަކަށް ބޮޑެތި ބިންހެލުންތައް ވެސް އަންނާނެ. ބޮޑެތި ތަދުތަކާއި ނުބައި ރޯގާތައް ވެސް އަންނާނެ. ބިރުވެރި ކަންތައްތަކާއި އުޑުން އަންނަ އަލާމާތްތައް ވެސް ފެންނާނެ.
12އެކަމަކު މިހުރިހާ ކަންތައް ވުމުގެ ކުރިން އެމީހުން ކަލޭމެންނަށް އުނދަގޫތައް ކޮށް އަނިޔާތައް ދޭނެ. އެމީހުން ކަލޭމެން ދީނީ މަރުކަޒު ތަކަށާއި ޖަލުތަކަށް ގެންދާނެ. އެމީހުން ކަލޭމެން ރަސްކަލުންނާއި ގަވަރުނަރުންގެ ކުރިމައްޗަށް ގެންދާނެ. މިހުރިހާ ކަމެއް ވެސް އެމީހުން ކަލޭމެންނަށް ކުރާނީ އަހަރެންގެ ސަބަބުން. 13މިކަމުގެ ސަބަބުން ކަލޭމެންނަކީ އެމީހުންގެ ކުރިމަތީގައި އަހަރެންނާއި ބޭހޭގޮތުން ހެކިދޭނެ މީހުން ކަމުގައި ވާނެ. 14އެކަމަކު އެދުވަހަކުން ކަލޭމެން ދިފާއުވާނޭ ގޮތަކާއި މެދު މިހާރު ކަނޑައަޅާ ނިންމުމަށް ނުވިސްނާ. 15އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ. 16ކަލޭމެންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުންނާ ތިމާގެ މީހުންނާ ރައްޓެހިން ވެސް ކަލޭމެންނަށް ޚިޔާނާތްތެރި ވާނެ. އެބައިމީހުން ކަލޭމެންގެ ތެރެއިން ބައެއް މީހުން މަރާ ވެސް ލާނެ. 17އަހަރެންގެ ސަބަބުން ކަލޭމެންނަށް އެންމެން ނަފްރަތު ކުރާނެ. 18ނަމަވެސް އެކަމުން ކަލޭމެންގެ ބޮލުގެ އިސްތައްޓެއް ހާ ހިސާބު ވެސް އުނިވެގެންނެއް ނުދާނެ. 19އަދި އެގޮތުގައި ދެމި ހުރުމުގެ ސަބަބުން ކަލޭމެންނަށް ތެދުނިޔަތުގައި ފުރިހަމަ ދިރިހުރުމެއް ލިބޭނެ.
20 ޖެރޫސަލަމުގެ ވަށައިގެން ދުޝްމިނުންގެ ފައުޖުތައް ވާތަން ފެނުމުން އެރަށުގެ ނިމުން ކައިރި ވީ ކަން ކަލޭމެންނަށް އެނގޭނެ. 21އެދުވަހުން ޖުދެއާ ކަރައިގައި ތިބި މީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި ފަރުބަދަ މައްޗަށް ދުވެ ދާނެ. ޖެރޫސަލަމުގެ ތެރޭގައި ވާ މީހުން އެރަށުން ބޭރަށް ދުވެ ދާނެ. އެރަށުގެ ބޭރުގައި ތިބި މީހުން އެރަށުގެ ތެރެއަކަށް ނުވަންނާނެ. 22އެއީ އެދުވަސްވަރަކީ ހުރިހާ ކަމަކަށް ޖަޒާ ދެއްވާނެ އަދި އިހުޒަމާނުގެ ރަސޫލުންނާއި ނަބީބޭކަލުން ލިޔުއްވި ހުރިހާ ކަމެއް އެލިޔެވިގެން ވީ ފަދައިން ފުރިހަމަ ވާނޭ ދުވަސްވަރު. 23އެދުވަހު މާބަނޑު އަންހެނުންނަށާއި ގާތުން ކިރުދޭ މައިންނަށް ވަރަށް ނިކަމެތިކަން ލިބޭނެ. އެދުވަސްވަރު އެރަށުގެ މީހުންނަށް އުނދަގުލާ ހިތާމަ އާއި ކޯފާ ފޮނުއްވޭ ހުށި! 24އެބައިމީހުން ކަނޑިތަކުން ގަތުލުކުރެވި އަދި ހައްޔަރު ކުރެވި އެކިއެކި ޤައުމުތަކަށް ގެންދެވޭނެ. އަދި ޖެރޫސަލަމް ބަނީއިސްރާއީލު މީހުން ނޫން މީހުންގެ އަތްދަށުވާނެ. މި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ވަގުތު ހަމަވަން ދެން ޖެރޫސަލަމް އެމީހުންގެ އަތްދަށުގައި ވާނެ.
25އިރާއި ހަނދާއި ތަރިތަކުގައި ވެސް އަލާމާތްތައް ވާނެ. ދުނިޔޭގެ ކަނޑު ގަދަވެ ރާޅު ބޮޑުވެ ތޫންފާންތައް އައިސް މީސްތަކުން ވަރަށް ބޮޑަށް ބިރުގަނެ ހައިރާންވާނެ. 26މީސްތަކުން ދުނިޔެއަށް މި ވާނުވާ ގޮތެއް ނޭނގި ބިރުން ހޭ ނެތޭނެ. މުޅި ޖައްވާއި ޖައްވުގައި ވާ ހުރިހާ އެއްޗެއް ތުރުތުރު އަޅާނެ. 27އެމީހުންނަށް އޭރު އިންސާނާގެ ދަރިކަލުން ވިލާގަނޑެއްގައި އެކަލޭގެފާނުގެ ކީރިތި ކަމާއި މަތިވެރި ކަމާއި އެންމެ މަތިވެރި ބާރުފުޅާއި އެކު ވަޑައިގަންނަވާ ތަން ފެންނާނެ. 28މިބުނި ފަދައިން ކަންތައްތައް ވާން ފެށުމުން ކޮޅަށް ތެދުވެ އިސް އުފުލާ. އެއީ މިކަންތައްތަކަކީ ކަލޭމެން ދިންނެވުމުގެ ވަގުތު ކައިރި ވެއްޖެ ކަމުގެ ހެކިތައް.⁠“
29އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠ވައްތީނި ގަހާއި އެހެނިހެން ވެސް ގަސްތަކަށް ބަލާބަލަ. 30އެގަސްތަކުން ނިރުފަޅާ ފެހި ފަތްތައް ނުކުންނަށް ފެށުމުން ހޫނު މޫސުން ކައިރި ވެއްޖެ ކަން ކަލޭމެންނަށް އެނގޭ.
31ހަމަ އެ ގޮތަށް މިބުނި ކަންތައްތައް ވާން ފެށުމުން މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައިކަން ވެސް ކަލޭމެންނަށް އެނގެން ވާނެ.
32އަހަރެން މިބުނާ އެއްޗެއް އަހާ. މިކަންތައްތައްވެ ނުނިމެނީސް މިހާރު މި ދުނިޔޭގައި މި ވާ މީހުން ނެތިގެނެއް ނުދާނެ. 33އުޑާއި ބިން ނެތިގެން ދާނެ. އެކަމަކު އަހަރެންގެ ބަސްތައް ނެތިގެނެއް ނުދާނެ.
34ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް 35މަޅިއެއް ހެން ކަލޭމެން ބައްދާލަފާނެ. އޭރު ދުނިޔޭގައި ވާ ކޮންމެ މީހަކުމެ މި ދުވަހާއި ކުރިމަތިލާން ޖެހޭނެ. 36އަބަދުވެސް އެދުވަހާއި މެދު ވިސްނައިގެން ތިބޭ. އަދި ވާނޭ ހުރިހާ ކަންތަކަކުން ކަލޭމެން ސަލާމަތްވޭތޯ އާއި އަދި ކަލޭމެންނަށް އިންސާނާގެ ދަރިކަލުންގެ ކުރިފުޅުމަތީ ބިރެއް ނެތި ކެރިގެން ހުރެވުން އެދި އަބަދުވެސް ދުޢާކުރޭ.⁠“
37ކޮންމެ ދުވަހަކު ވެސް އީސާގެފާނު ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވައިދެއްވަމުން ގެންދެވިއެވެ. ކޮންމެ ރެއަކު އެކަލޭގެފާނު ޒައިތޫނި ފަރުބަދައޭ ކިޔުނު ފަރުބަދައަށް ރޭގަނޑުގެ ވަގުތު ހޭދަކުރެއްވުމަށް ވަޑައިގަންނަވައެވެ. 38ހެނދުނު އިރުއެރުމާއި އެކުހެން މީސްތަކުން އެކަލޭގެފާނުގެ ބަސްފުޅުތަކުގެ އަޑުއެހުމަށް ބައިތުލް މަޤްދިސްއަށް އާދެއެވެ.

S'ha seleccionat:

ލޫކާސް 21: ކމ

Subratllat

Comparteix

Copia

None

Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió