ފެށުން 28
28
1އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނު ގެންނަވައި ރަޙުމަތް ލެއްވުމަށް އެދި ދުޢާ ކުރެއްވުމަށް ފަހު މިފަދައިން ވިދާޅުވިއެވެ. ”މި ކަންޢާނުންގެ އަންހެންތަކުންގެ ތެރެއިން އަންހެނަކާ ދަރިފުޅު ކައިވެނިކޮށްގެން ނުވާނެ. 2އޭގެ ބަދަލުގައި ދަރިފުޅުގެ މަންމަގެ ބައްޕަ ބަތޫއީލްގެ ގެއަށް މެސޮޕޮޓޭމިއާއަށް ދޭ. އަދި ދަރިފުޅުގެ މައިފުށުގެ ބޮޑު ބޭބެ ލަބާންގެ އަންހެން ދަރިންގެ ތެރެއިން ކުއްޖަކާއި ކައިވެނިކުރޭ. 3ކުޅަދުންވަންތަ ކަލާނގެ ދަރިފުޅުގެ ކައިވެންޏަށް ރަޙުމަތްލައްވައި ގިނަގުނަ ދަރިން ދެއްވާހުށި. އެގޮތުން ދަރިފުޅު ގިނަ ޤައުމުތަކެއްގެ ބަފައިކަލުން ކަމުގައިވާނެ! 4އެކަލާނގެ އިބްރާހީމްގެފާނަށް ބަރަކާތް ލެއްވި ފަދައިން ދަރިފުޅާ އަދި ދަރިފުޅުގެ ދަރިފަސްކޮޅަށް ވެސް ރަޙުމަތް ލައްވާނެ. އަދި މި ބިމުގެ މިލްކުވެރިކަން ދަރިފުޅަށް ދެއްވާނެ. އެއީ މިއަދު ދަރިފުޅު ދިރިއުޅެމުން ތިޔަ ގެންދާ މި ބިމަކީ މާތްކަލާނގެ އިބްރާހީމްގެފާނަށް ދެއްވި ބިމެއް!“
5އެގޮތުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ފޮނުވާލެއްވިއެވެ. އަދި ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިފުށު ބޮޑުބޭބެ ލަބާންގެ ގާތުގައި ހުރުމަށް މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިއެވެ. މި ލަބާން އަކީ ޔަޢުޤޫބުގެފާނުގެ މައިކަމަނާ ރިފްޤާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ރިފްޤާއި އާއި ލަބާންގެ ބަފައިކަލުންނަކީ އަރާމީންގެ މީހެއް ކަމުގައިވާ ބަތޫއީލްއެވެ.
6އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް ހެޔޮދުޢާ ކުރައްވައި މެސޮޕޮޓޭމިއާއަށް އަނތްބަކު ހޯދުމަށް ފޮނުއްވިކަން ޢީސޫއަށް އެނގުނެވެ. އަދި ކަންޢާނުގެ އަންހެނަކާއި ކައިވެނިބައްލަވައި ނުގަތުމަށް އިސްޙާޤުގެފާނު ޔަޢުޤޫބުގެފާނަށް އަމުރު ކުރެއްވިކަން ވެސް ޢީސޫ ދެނެގަތެވެ. 7ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރައްވައި މެސޮޕޮޓޭމިއާއަށް ވަޑައިގެންނެވިކަން ވެސް ޢީސޫއަށް އެނގިއްޖެއެވެ. 8ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ. 9އޭރު ޢީސޫގެ ދެ އަނބިން ތިބި ކަމުގައި ވިއަސް އެކަލޭގެފާނުގެ ބަފައިފުށު ބޮޑުބޭބެ އިބްރާހީމްގެފާނުގެ ދަރިކަލުން އިސްމާޢީލްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ އަންހެން ދަރިކަލެއް ކަމުގައިވާ މަޙްލަތު އާއި ކައިވެނި ކުރެއްވިއެވެ. (މި މަޙްލަތު އަކީ ނަބާޔޫތުގެ އަންހެން ކޮއްކޮއެވެ. އެއީ އިބްރާހީމްގެފާނުގެ ކާފަ ދަރިކަލެއް ވެސްމެއެވެ.)
ޔަޢުޤޫބުގެފާނުގެ ހުވަފެންފުޅު
10ޔަޢުޤޫބުގެފާނު ބިއުރުސަބްޢައިން ޙާރާން އާ ދިމާއަށް ދަތުރު ފެއްޓެވިއެވެ. 11އިރު އޮއްސެމުން ދިޔަ ހިނދު އެކަލޭގެފާނަށް ވަޑައިގެންނެވިފައިވީ ހިސާބަކީ އެދެވޭ ހިސާބެއްކަމުގައި ދެކެވަޑައިގަންވައި އެތަނުގައި އޮތް ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން އަވަހާރަފުޅު ލެއްޕެވުމަށް އޮށޯވެ ވަޑައިގަންނެވިއެވެ. 12އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްކަލާނގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.
13އެ ހަރުގަނޑުގެ އެންމެ މަތީގައި މާތްރަސްކަލާނގެ ވޮޑިގެން ވަނިކޮށް ޔަޢުޤޫބުގެފާނަށް ފެނިވަޑައިގަތެވެ. އަދި އެކަލާނގެ ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ތިބާގެ ކާފަ އިބްރާހީމްއާއި ތިބާގެ ބައްޕަ އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ، މާތްކަލާނގެ. ތިބާގެ މި ހިނދު ނިދަން ތިޔައޮތް ބިން ތިމަންކަލާނގެ ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ދެއްވާހުށީމު. 14ތިބާގެ ދަރިފަސްކޮޅު މިބިމުގައިވާ ހިރަފުސް ފަދައިން ގިނަވާނެ! އެބައިމީހުން އިރުމައްޗާއި ހުޅަނގަށް އަދި އުތުރާ ދެކުނަށް ފެތުރިގެންދާނެ. ތިބާއާއި ތިބާގެ ދަރިފަސްކޮޅު މެދުވެރިކޮށް ދުނިޔޭގެ މީސްތަކުންނަށް ބަރަކާތް ލެއްވޭނެ. 15މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.“
16ކުއްލިއަކަށް ޔަޢުޤޫބުގެފާނަށް ހޭފުޅުލެވި މިފަދައިން ހިތްޕުޅަށް އަރާވަޑައިގެންނެވިއެވެ. ”ހަމަކަށަވަރުން މާތްރަސްކަލާނގެ މިތަނުގައި ވޮޑިގެންވޭ. އެހެނަސް އަހަރެންނަށް އެކަން އެނގިފައެއް ނެތް.“ 17ދެން ޔަޢުޤޫބުގެފާނު ބިރުފުޅުން ހުންނަވައި މިފަދައިން ވިދާޅުވެވުނެވެ. ”މިއީ ޢަޖާއިބުވެ އަންތަރީސްވާފަދަ ތަނެއް! މިތަނަކީ ޙުރުމަތްތެރި ވެގެންވާ މާތްކަލާނގެ ގެކޮޅު. އަދި މިއީ ސުވަރުގެއަށް ދިއުމަށް ވާ ދޮރޯށިކޮޅުކަން ޔަޤީން.“
18އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ. 19އެތަނަށް ޔަޢުޤޫބުގެފާނު ބައިތުއީލްގެ#28:19 ބައިތުއީލް ޢިބްރާނީ ބަހުން ބައިތުއީލްގެ މާނައަކީ މާތްކަލާނގެ ގެކޮޅެވެ. ނަމުން ނަން ދެއްވިއެވެ. އޭގެ ކުރިން އެތަނަށް ކިޔަމުން ދިޔަ ނަމަކީ ލޫޒް އެވެ.
20-21ދެން ޔަޢުޤޫބުގެފާނު މަޑުމޮޅިވެ ވަޑައިގަންނަވައި މާތްކަލާނގެއާމެދު މިފަދައިން ވަޢުދުވެ ވަޑައިގެންނެވިއެވެ. ”މާތްކަލާނގެ. އިނބަ ރަސްކަލާނގެ އަޅާއާއި އެކުގައި ވޮޑިގެންވާނަމަ އަޅާގެ މިދަތުރުގައި އަޅާއަށް ސަލާމަތާއި ރައްކާތެރިކަން ދެއްވައި ކާބޯތަކެއްޗާއި އުނުއަންނައުނު ދެއްވުމުގެ އިތުރުން ސަލާމަތްތެރިކަމާއެކު އަޅާގެ ބަފައިކަލުންގެ އަރިހަށް ގެއަށް ގެންގޮސް ދެއްވާނެ. އޭރުން އިނބަ މާތްކަލާނގެއީ އަޅާގެ ވެރި ރަސްކަލާނގެ ކަމުގައި ވެސް ވާނެ. 22މި ހަނދާނީ ތަނބަކީ އިނބަ ކަލާނގެއަށް އަޅުކަން ކުރުމަށް ހުރި އިނބަކަލާނގެ ގެކޮޅު. އިނބަކަލާނގެ އަޅާއަށް ދެއްވާ ކޮންމެ އެއްޗެއްގެ ދިހަބައިކުޅަ އެއްބައި އިނބަ ރަސްކަލާނގެ ކިބަފުޅަށް އަޅާ ހުށަހަޅާނަމު.“
Currently Selected:
ފެށުން 28: ކމ
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapistaging.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.