ޔޫޙަންނާ 2
2
އީސާގެފާނު ދެއްކެވި ފުރަތަމަ މުޢުޖިޒާތް
1އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައި ވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ. 2އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނަށް ވެސް އެޖާފަތަށް ދައުވަތު ދެވިފައި ވާތީ އެބޭކަލުން ވެސް އެތާނ ތިއްބެވިއެވެ. 3ޖާފަތުގެ މެދުތެރޭ އެ ޖާފަތަށް ގެނެވިފައިހުރި މޭބިސްކަދުރުގެ ދިޔަ#2:3 މޭބިސްކަދުރުގެ ދިޔަ އަކީ އެޒަމާނުގައި މީހުން އާދަވެ ބޮއި އުޅޭ ބުއިމެކެވެ. މިބުއިމަށް އިނގިރޭސި ބަހުން ކިޔެނީ ”ވައިން“ އެވެ. މިއީ މޭބިސްކަދުރުގެ ދިޔަ ހުތްކޮށްގެން ހެދޭ ބުއިމެކެވެ. ހުސްވިއެވެ. ދެން އީސާގެފާނުގެ މަންމާފުޅު އީސާގެފާނަށް ދެންނެވިއެވެ. ”އެމީހުން އަތުގައި ހުރި ހުރިހާ މޭބިސްކަދުރުގެ ދިޔަ ހުސްވެއްޖެ.“
4އީސާގެފާނު ވިދާޅުވިއެވެ. ”ކުރަންވީ ކީއްކަން އަހަރެން ގާތު ވިދާޅު ނުވޭ. އަހަރެންގެ ވަގުތެއް އަދި ނުޖެހޭ.“
5ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.“
6ބަނީއިސްރާއީލު މީހުން ދީނީގޮތުން ސާފުތޯހިރު ވެގަތުމަށް ވަރަށް ގިނަ ގަވާއިދުތަކެއް ގެންގުޅެއެވެ. އެގޮތުން އެފަދައިން ސާފުތޯހިރުވުމަށް ބޭނުން ކުރުމަށް ފެން އަޅާފައި ހުންނަ ޒާތުގެ ހިލައިގެ ހަ ރުނބާ އެތާނގައި ހުއްޓެވެ. އޭގެ ކޮންމެ ރުނބަޔަކަށް ވިހިތިރީސް ގެލަނުގެ ފެން އެޅޭ ވަރުވެއެވެ. 7އީސާގެފާނު އެގޭގެ ނޯކަރުންނަށް އެންގެވިއެވެ. ”އެ ރުނބާތަކަށް ފެން އަޅާ ފުރާލާ.“ ދެން އެމީހުން އެ ހުރިހާ ރުނބާތަކުގެ ތުނބާ ހަމަޔަށް ފެން އެޅިއެވެ.
8ދެން އީސާގެފާނު ވިދާޅުވިއެވެ. ”އޭގެ ރުނބަޔަކުން ފެންޖަގެއް ނަގައި މި ޕާޓީގެ އިސްވެރިޔަކަށް ހުރި މީހާއަށް ގެންގޮސްދީ.“ ދެން އެމީހުން އެކަލޭގެފާނު އެ އެންގެވި ގޮތަށް ކަންތައްކުރިއެވެ.
9އެޖާފަތުގެ އިސްވެރިޔަކަށް ހުރި މީހާ އެއިން ރަހަބަލާލިއެވެ. އޭރު އެފެން ވަނީ މޭބިސްކަދުރުގެ ދިޔައަށް ބަދަލުވެފައެވެ. އެގޭގެ ނޯކަރުންނަށް ހުރިހާ ކަމެއް އެނގުނު ނަމަވެސް، މި މޭބިސްކަދުރުގެ ދިޔަ ލިބުނީ ކޮން ގޮތަކުން ކަމެއް އެ އިސްވެރިޔަކަށް ނޭނގެއެވެ. ދެން އޭނާ ކައިވެނިވީ އަލަތު ފިރިމީހާއަށް ގޮވާގެނެސް ބުންޏެވެ. 10”އެހެން މީހުން އަބަދުވެސް އެންމެ މޮޅު މޭބިސްކަދުރުދިޔަ މެހުމާނުންނަށް ދެނީ އެންމެ ކުރީކޮޅު. ދެން މީހުން މޭބިސްކަދުރުގެ ދިޔަ ބޯތާ އެތައް އިރެއްވާފަހުން އެމީހުން ދެން ދޭނީ ތަންކޮޅެއް އަގުހެޔޮ މޭބިސްކަދުރުގެ ދިޔައެއް. ނަމަވެސް ކަލޭ އެންމެ މޮޅު މޭބިސްކަދުރުގެ ދިޔަ ތިޔަ ބެހެއްޓީ އެންމެ ފަހަށް.“
11މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.
12މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ.
އީސާގެފާނު ބައިތުލް މަޤްދިސް ސާފުކުރެއްވި
13 ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ވަރަށް ކައިރިވެފައެވެ. އެހެން ކަމުން އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. 14އީސާގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ފެނި ވަޑައިގަތީ އެތާނގެ ގޯތިތެރޭގައި މީސްތަކުން ގެރި ބަކަރިއާއި، ކަންބަޅި ބަކަރިއާއި، ކޮތަރާއި ވިއްކަމުން ދާތަނެވެ. އަދި އެތާނގައި އެކިތަފާތު ޤައުމުތަކުގެ ފައިސާ މާރުކުރަން މޭޒުތައް ދޮށުގައި ތިބި މީހުން ވެސް އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. 15އީސާގެފާނު ފަލަރޯނުތަކެއް އެއްކުރައްވައި ހަންމުއްޓެއް ހައްދަވައިގެން ގޮސް އެމީހުން އެތަނުން ފައްސަވާލެއްވިއެވެ. އަދި ގެރި ބަކަރިތަކާއި، ކަންބަޅި ބަކަރިތައް ވެސް ދޫކޮށްލެއްވިއެވެ. ލާރި މާރުކުރަން ތިބި މީހުންގެ މޭޒުތައް ބަންޑުންޖައްސަވައި އެމީހުންގެ ލާރިތައް ބުރުވާލެއްވިއެވެ. 16ދެން ކޮތަރުތައް ވިއްކަން ތިބި މީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއެއްޗެހިތައް ހަމަ މިހާރު މިތަނުން ނެރޭ! އަހަރެންގެ ބައްޕާފުޅުގެ ގެކޮޅު ގަނެވިއްކާ ބާޒާރަކަށް ހަދައިގެން ނުވާނެ!“
17މިތަން ފެނުމުން ފަތްފުށްތަކުގައިވާ މި ބަސްފުޅު އަސްޙާބީންނަށް ހަނދާންވިއެވެ. ”މާތްކަލާނކޯ! އިނބަރަސްކަލާނގެ ގެކޮޅާ މެދު އަހަރެން ހިތުގައިވާ ލޯބި ހުޅުފަޅައިގެން އަހަރެންގެ ހިތުގައި ރޯވެފައިވޭ.“#ޒަބޫރު 69:9
18ބަނީއިސްރާއީލުގެ ވެރިން އީސާގެފާނަށް ބުންޏެވެ. ”މިފަދަ ކަންތައްތައް ކުރަން ކަލެއަށް ހުއްދަ ލިބިގެންވާކަން ހާމަ ކޮށްދިނުމަށް ނިކަން އަހަރެމެންނަށް މުޢުޖިޒާތެއް ދައްކަބަލަ!“
19އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން މި ބައިތުލް މަޤްދިސް ހަލާކުކޮށް ބިމާ ހަމަކޮށްލަބަލަ! ތިން ދުވަސް ތެރޭގައި އަހަރެން މިތަން ޢިމާރާތް ކުރާނަން!“ 20ބަނީއިސްރާއީލުގެ ވެރިން ޖަވާބުގައި ބުންޏެވެ. ”މި ބައިތުލް މަޤްދިސް ބިނާކުރުމަށް ސާޅީސް ހަ އަހަރު ނެގި. އެކަމު ކަލޭ ތި ބުނަނީ ކަލެއަށް މިތަން ތިން ދުވަހުގެ ތެރޭގައި ބިނާކުރެވިދާނެއޭތަ؟“ 21ނަމަވެސް އީސާގެފާނު ބައިތުލް މަޤްދިސް އޭ ވިދާޅުވެ ނިސްބަތް ކުރެއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅަށެވެ. 22އީސާގެފާނު އަވަހާރަ ވުމަށް ފަހު އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އަސްޙާބީން މިބަސްފުޅުތަކުގެ މަތިން ހަނދާން ވިއެވެ. ދެން އެމީހުން ބާވައިލެއްވުނު ފޮތްތަކުގައި މިކަންތަކާއި މެދު ލިޔެވިގެންވީ ކަންތައްތަކާއި އަދި އީސާގެފާނުގެ ބަސްފުޅު ގަބޫލު ކުރިއެވެ.
މީސްތަކުންގެ ހިތުގެއަޑި އީސާގެފާނު ދެނެވަޑައިގެންވޭ
23ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރު އީސާގެފާނު ޖެރޫސަލަމުގައި ދެއްކެވި އެތައްއެތައް މުޢުޖިޒާތްތަކާއި އަޖައިބު ކުރުވަނިވި ކަންތައްތަކުގެ ސަބަބުން އެތައް ބަޔަކު އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވައި ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު ކަން ގަބޫލު ކުރިއެވެ. 24ނަމަވެސް އީސާގެފާނު އެމީހުންގެ ބަސްތައް ގަބޫލު ކުރައްވައި އިތުބާރެއް ނުކުރެއްވިއެވެ. އެއީ މީސްތަކުންގެ ހިތުގައިވާ ކަންތައް ވެސް އެކަލޭގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާތީއެވެ. 25އިންސާނުންގެ ގޮތްތައް އެއްވެސް މީހަކު އެކަލޭގެފާނަށް ބުނެދޭކަށް ނުޖެހޭނެ އެވެ. އެހެނީ އިންސާނުންގެ ހުރިހާ ސިފަތަކެއް އެކަލޭގެފާނަށް ފުރިހަމަޔަށް އެނގިވަޑައިގެންވިއެވެ.
Šiuo metu pasirinkta:
ޔޫޙަންނާ 2: ކމ
Paryškinti
Dalintis
Kopijuoti
Norite, kad paryškinimai būtų įrašyti visuose jūsų įrenginiuose? Prisijunkite arba registruokitės
© (Active), Wycliffe Bible Translators, Inc. All rights reserved.