ލޫކާސް 24

24
އީސާގެފާނު އަލުން ދިރިވަޑައިގެންނެވުން
1އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ. 2މިމީހުން އެހޮހަޅަ ހުރި ހިސާބަށް ދިޔައިރު އެތާގެ އަނގަމަތީ ހުރަސް ކުރެވިފައިވާ ބޮޑު މާ ސިންގާ ހިލަ ވަނީ އެއްފަރާތަކަށް ފުރޮޅާ ލެވިފައެވެ. 3އެބައިމީހުން އެތެރެއަށް ވަދެ ބެލި އިރު މަތިވެރި މާތްސާހިބާ އީސާގެފާނުގެ ހަށިކޮޅެއް އެތަނަކު ނުވެއެވެ. 4މިބައިމީހުން މި ވީ ކީއްކަން ނޭނގި ހައިރާންވެފައި ތިއްބާ ކުއްލިއަކަށް އެތާނގައި ވާ ދެބޭކަލަކު އެމީހުންގެ ކައިރީގައި ވިއެވެ. މިބޭކަލުންގެ ހެދުންކޮޅު ވިދާ ބަބުޅަމުން ދިޔައެވެ. 5މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މީހުން މަރުވީމައި ގެނެވޭތާކަށް ކަލޭމެން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟ 6އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވަނީ މަރުވުމަށް ފަހު އަލުން ދިރުއްވާފަ. ގަލީލީގައި އެކަލޭގެފާނު ކަލޭމެންނަށް ވިދާޅުވި ބަސްފުޅު ހަނދާނެއް ނެތް ތަ؟ 7އެކަލޭގެފާނު ވިދާޅުވި: ’⁠އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތް މައްޗަށް ދޫ ކޮށްލެވޭނޭ. އެބައިމީހުން އެކަލޭގެފާނު ސަލީބަށް އަރުވާނޭ. އަދި ތިންވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރުއްވޭނެ.⁠‘⁠“ 8އެވަގުތު މިބައިމީހުން އީސާގެފާނު ގަލީލީގައި ވިދާޅުވި ބަސްފުޅުގެ މަތިން ހަނދާން ވެއްޖެއެވެ.
9ދެން މިމީހުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ފަރުބަދައިގައި ހަދައިފައިވާ ހޮހަޅައިން އެނބުރި ޖެރޫސަލަމަށް ގޮސް މިކަންތައްތައް ދިމާވި ހުރިހާ ގޮތެއްގެ ވާހަކަ އެގާރަ އަސްޙާބީންނަށާއި އެތާ ތިބި އެހެން މީހުންނަށް ކިޔާދީފިއެވެ. 10މިއަންހެނުންނަކީ މަރިޔަމް މަގްދަލޭނާ އާއި ޔޮއަންނާ އާއި އަސްޙާބީއެއް ކަމުގައިވާ ޔާމިޒުގެ މަންމަ މަރިޔަމްއާއި އެމީހުންނާއި އެކީގައި ދިޔަ އެހެން އަންހެނުންނެވެ. މިކަންތައްތަކުގެ ވާހަކަ އީސާގެފާނުގެ މަންދޫބުންނަށް ކިޔައިދިނީ މިމީހުންނެވެ. 11ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ. 12އެހެން ނަމަވެސް ޕަތަރަސް ތެދުވެ އެތަނުން ފެށިގެން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައި ވީ ހޮހަޅަ އާއި ހަމައަށް ދުވެފައި ދިޔައެވެ. އެތަނަށް ގޮސް އެހޮހަޅައިގެ ތެރެއަށް ގުދުވެ ބެލި އިރު އޭނާއަށް ފެނުނު ހައި ވެސް އެއްޗަކީ އީސާގެފާނުގެ ގައިކޮޅުގައި އޮޅާ ލެވިފައި ވީ އަގުބޮޑު ފޮތީގެ ފޮތިގަނޑެވެ. މި ވީ ކަންތަކާއި މެދު ވަރަށް ބޮޑަށް ހައިރާން ވެގެން ހުރެ އޭނާ އެތަނުން ހިނގައްޖެއެވެ.
އެމާއުސްއަށް ދިޔަ މަގުމަތީގައި ވީ ދެއަސްޙާބީން
13ހަމަ އެދުވަހު އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކު ޖެރޫސަލަމާއި ގާތްގަނޑަކަށް ހަތް މޭލު ދުރުގައި ވާ ރަށެއް ކަމުގައިވާ އެމާއުސްއަށް ދިއުމަށް ދަތުރު ފެށިއެވެ. 14އެދެމީހުން މި ވެދިޔަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ. 15މި ދެމީހުން މި ވާހަކަތައް ދައްކަމުން ގެންދިޔައިރު ޚުދު އީސާގެފާނު އެމީހުންނާއި އެކު ހިންގަވައި ވަޑައިގަންނަވަމުން ދިޔައެވެ. 16ނަމަވެސް އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން ނޭނގޭނެ ފަދައިން އެމީހުންގެ ލޯތައް ވަނީ ބަންދު ކުރެވިފައެވެ.
17އެކަލޭގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެން ދެމީހުން ދަތުރުކޮށް ދަމުން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟⁠“
އެމީހުން ވަގުތުން ހިނގުން ހުއްޓާލާފައި ދެރަވެ އިސް ދަށަށް ޖަހައިގެން ތިއްބެވެ. 18ދެން އެދެމީހުންގެ ތެރެއިން ކިއޮޕާސް އޭ ނަމަކަށް ކިޔާ މީހާ ބުންޏެވެ. ”⁠މިދިޔަ ދުވަސްތަކުގައި ޖެރޫސަލަމުގައި ހިނގާނިމިދިޔަ ކަންތައްތަކެއް ފަހެ ކަލެއަކަށް ނޭނގޭތަ؟ ކަލޭ ތިޔައީ ދަތުރެއްގައި މިރަށަށް އައި ބީރައްޓެއްސަކީ ތަ؟⁠“
19އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ކޮންކަންތައްތަކެއް ތަ؟⁠“
އެމީހުން ބުންޏެވެ. ”⁠ނާޒަރަތުގެ އީސާގެފާނާއި ބެހޭގޮތުން ވީ ކަންތައްތައް. އެކަލޭގެފާނަކީ ރަސޫލުބޭކަލެއް. މާތްރަސްކަލާނގެ އާއި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނުގެ ބަސްފުޅާއި އަމަލުފުޅުތައް މަތިވެރިވެގެންވި. 20ބޮޑު އިމާމުންނާއި އަހަރެމެންގެ ވެރިން އެކަލޭގެފާނަށް މަރުގެ ޙުކުމް ކޮށް އެކަލޭގެފާނު ރޯމުގެ ސިފައިންނާއި ހަވާލުކުރި. އަދި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވި. 21އެކަމަކު އަހަރެމެން އުންމީދު ކޮށްގެން ތިބީ އެކަލޭގެފާނަކީ ބަނީއިސްރާއީލު މިނިވަން ކުރުމަށް ވަޑައިގެން ބޭކަލެއް ކަމަށް. މިހުރިހާ ކަމެއް ހިނގާދިޔަތާ މިއަދަށް މިއީ ތިންވަނަ ދުވަސް. 22މިއަދު އަހަރެމެންގެ ތެރެއިން ބައެއް އަންހެނުން ހުރިހާ ކަމަކަށް ވުރެ އަޖައިބު ވާހަކައަކާއިގެން އަތުވެއްޖެ. އެމީހުން މިއަދުގެ ވަރަށް ހެނދުނާ އެކަލޭގެފާނުގެ ހަށިކޮޅު ބޭއްވިފައި ވީ ހޮހަޅައަށް ދިޔަ. 23ނަމަވެސް އެމީހުންނަކަށް އެތަނުން އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު. އެމީހުން އެނބުރި އައިސް ބުނީ އެތަނުން އެމީހުންނަށް ފެނުނީ ދެ މަލާއިކަތް ބޭކަލުން ކަމުގަ. އަދި އެބޭކަލުން އެމީހުން ކައިރީ ބުނީ އީސާގެފާނު ވަނީ މަރުވެފަ ނޫން ކަމުގައި އެކަލޭގެފާނު ދިރި ހުންނެވި ކަމުގަ. 24ދެން އަހަރެމެންގެ އެކުވެރިންގެ ތެރެއިން އެހެން ބަޔަކު ވެސް އެ ހޮހަޅައަށް ދިޔަ. އެމީހުންނަށް ވެސް ކަންތައްތައް ފެނުނީ ހަމަ އެއަންހެނުން ބުނިފަދައިން. އެމީހުންނަކަށް ވެސް އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު.⁠“
25އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ. 26މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“ 27ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.
28އެމީހުން ދަތުރުކޮށް ދާން ދިޔަ ރަށާއި ކައިރި ވުމުން އީސާގެފާނު އެމީހުންނާ ވަކިވެ އެކަލޭގެފާނުގެ މަގުގައި ކުރިއަށް ވަޑައިގަންނަވަން އުޅުއްވިއެވެ. 29ނަމަވެސް އެމީހުން އެކަލޭގެފާނު މަޑުކުރުވުމަށް ގަދައަޅާ މަސައްކަތް ކުރިއެވެ. އެމީހުން ބުންޏެވެ. ”⁠މިހާރު މިއޮއް އިރުއޮއްސެނީ. ދުވާލުގެ އަލިކަން ކެނޑެނީ. އަހަރެމެންނާއި އެކު މިތާ މިރޭ މަޑުކުރޭ.⁠“ ދެން އެކަލޭގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ.
30އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ. 31ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ. 32އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟⁠“
33އެމީހުން ހަމަ އެވަގުތު ޖެރޫސަލަމަށް އެނބުރި އައުމަށް ދަތުރު ފެށިއެވެ. މި ދެމީހުން އެނބުރި އައިރު އެގާރަ އަސްޙާބީންނާއި އެމީހުންނާއި އެކުގައި ވީ އެންމެން އެއްތާކު ތިއްބާ ދިމާވިއެވެ. 34މި އެގާރަ އަސްޙާބީން އެމީހުންނަށް ބުންޏެވެ. ”⁠އެއީ ތެދެއް! މާތްސާހިބާ އަލުން ދިރިވަޑައިގެންފި. ޕަތަރަސް އެކަލޭގެފާނު ދެކެފި.⁠“ 35ދެން މި ދެމީހުން ވެސް އެމީހުން ދިޔަ މަގުމަތީ ކަންތައްތައް ވީ ގޮތް މި އަސްޙާބީންނަށް ކިޔައިދިނެވެ. އަދި އެ ދެމީހުންނަށް އެއީ އީސާގެފާނު ކަން އެނގުނީ އެކަލޭގެފާނު ބޯރޮއްޓެއް ނަންގަވާ އެމީހުންނަށް އެބައްސަވަން ފެށި ވަގުތު ކަމަށް ވެސް ބުންޏެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު
36މިހުރިހާ އަސްޙާބީން މިކަމާއިމެދު ވާހަކަ ދައްކަމުން ގެންދަނިކޮށް މިމީހުންނަށް ފެނުނީ ޚުދު އީސާގެފާނު އެތާނގައި ވަނިކޮށެވެ. އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ މައްޗަށް ސަލާމް ލައްވާށި.⁠“
37ނަމަވެސް މިމީހުން މިތަން ދެކެ ސިއްސައިގެންގޮސް އެއީ ކަށްޑޮތްވެއް ކަމުގައި ހީކޮށް ވަރަށް ބޮޑަށް ބިރު ގަތެވެ. 38މިހެންވެ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ ބިރުގަންނަނީ ކީއްވެ؟ އަހަރެން ދިރި ހުރި ތަން ދެކެ އެކަން ގަބޫލު ކުރަން ތިޔަހާ ބޮޑަށް އުނދަގޫވީ ކީއްވެ؟ 39އަހަރެންގެ އަތާއި ފައިތިލައަށް ބަލާ ބަލަ. މިއީ ޚުދު އަހަރެން. ކަލޭމެން އަހަރެންގެ ގައިގައި އަތްލަބަލަ. އޭރުން ކަލޭމެންނަށް އަހަރެންނަކީ ރޫޙެއް ނޫން ކަން ޔަޤީން ވާނެ. ރޫޙެއްގެ ހަށިގަނޑުގައި މަހާއި ކަށްޓެއް ނުވާނެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި މަހާއި ކަށި ވާ ކަން އޭރުން ކަލޭމެންނަށް ޔަޤީން ވާނެ.⁠“
40ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަތްޕުޅާއި ފައިތިލަފުޅު އެބައިމީހުންނަށް ދެއްކެވިއެވެ. 41އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟⁠“ 42އަސްޙާބީން އެކަލޭގެފާނަށް ފިހުނު މަސްކޮޅެއް ދިނުމުން 43އެކަލޭގެފާނު އެބައިމީހުންގެ ކުރިމަތީގައި މި މަސްކޮޅު ފަރީއްކުޅުއްވިއެވެ.
44ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“
45ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ. 46އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ލިޔެވި ބަޔާންވެގެން ވޭ: މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު އަށް އަނިޔާ ލިބިވަޑައިގެން އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިވަޑައިގަންނަވާނެ. 47އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން. 48ކަލޭމެންގެ ކުރިމަތީގައި މިކަންތައްތައް ވެ ހިނގައްޖެ. ވީއިރު ކަލޭމެން މިކަންތައްތަކަށް ހެކިވޭ. 49ކަލޭމެން މާތްރަސްކަލާނގެ މަތިވެރި ބާރުފުޅު ދެއްވުމަށް ދާންދެން މިރަށުގައި މަޑު ކުރޭ. އަހަރެންގެ ބައްޕަ ވަޢުދުވެ ވޮޑިގެން ވީ ހަދިޔާފުޅު ޚުދު އަހަރެން ކަލޭމެންގެ ކައިރިއަށް ފޮނުއްވާނަން.⁠“
އީސާގެފާނު އުޑަށް އުފުއްލެވުން
50ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ. 51އަދި ހަމަ އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެވިއެވެ. 52އަސްޙާބީން އީސާގެފާނުގެ މައްޗަށް ހަމްދާއި ސަނާ ކިޔަމުން އުފާވެރި ކަމާއި އެކު އެނބުރި ޖެރޫސަލަމަށް ދިޔަ އެވެ. 53އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން މަތީ އެބައިމީހުންގެ ހުރިހާ ވަގުތެއް ހޭދަ ކުރިއެވެ.

Šiuo metu pasirinkta:

ލޫކާސް 24: ކމ

Paryškinti

Dalintis

Kopijuoti

None

Norite, kad paryškinimai būtų įrašyti visuose jūsų įrenginiuose? Prisijunkite arba registruokitės