ފެށުން 3
3
ފާފައިގެ ފެށުން
1މަތިވެރިރަސްކަލާނގެ އުފެއްދެވި ހުރިހާ ޖަނަވާރުތަކުގެ ތެރެއިން ވެސް އެންމެ މަކަރުވެރިކަން ގަދަ އެއްޗަކީ ހަރުފައެވެ.#3:1 ޝައިތާނާއާ ބެހޭގޮތުން އިންޖީލުގައި ނަންގަނެވިފައި ވަނީ ހަރުފައިގެ ނަމުންނެވެ. އެއީ ޙައްވާގެފާނުގެ ގާތަށް އެ އެތި އައި ގޮތް ކަމަށް ވެދާނެއެވެ. އެއްދުވަހަކު އެހަރުފަ އަންހެނާ ގާތަށް ގޮސް ބުންޏެވެ. ”މިބަގީޗާގައިވާ އެއްވެސް ގަހަކުން މޭވާ ކެއުން މާތްކަލާނގެ މަނާކުރެއްވިކަން ތިބާއަށް ހަމަ ޔަޤީންތަ؟“
2އަންހެނާ ހަރުފައަށް ބުންޏެވެ. ”މިބަގީޗާގައިވާ ހުރިހާ ގަހަކުން މޭވާ ކެއުމުގެ ހުއްދަ މާތްރަސްކަލާނގެ އަހަރެމެންނަށް ވަނީ ދެއްވާފައި. 3އެހެނަސް މިބަގީޗާގެ މެދުގައި އެހެރަ ގަހުގެ މޭވާ ނުކެއުމަށް އަމުރުކުރެއްވި. އަދި އެގަހުގައި އަތްލިޔަސް އަހަރެމެން މަރުވާނެ ކަމުގައި ވެސް ވަޙީކުރެއްވި.“
4ހަރުފަ އަންހެނާއަށް ބުންޏެވެ. ”އެއީ ދޮގެއް! ހަމަގައިމު ވެސް ތިޔަބައިމީހުން މަރެއްނުވާނެ. 5މާތްކަލާނގެ އެހެން ވަޙީކުރެއްވީ އެއީ އެގަހުގެ މޭވާ ތިޔަބައިމީހުން ކައިފިނަމަ ތިޔަބައިމީހުންގެ ލޯތައްހުޅުވި ކަންތައްތައް އެނގޭނޭތީ. އަދި އެގަހުގެ މޭވާ ކެއުމުން ތިޔަބައިމީހުންނަށް ހެވާއި ނުބައި ވަކިވެ ތިޔަބައިމީހުން އެކަލާނގެ އާއި އެއްފަދަ ވެދާނެކަން އެކަލާނގެ ދެނެވޮޑިގެންވާތީ.“
6އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ. 7އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.
8އޭގެ ފަހުން ދުވާލުގެ ފިނީގައި ބަގީޗާގެ ތެރޭގައި މަތިވެރިރަސްކަލާނގެ ހިންގަވައި ވޮޑިގަންނަވާ އަޑުފިރިހެނާއަށާއި އަންހެނާއަށް އިވުނެވެ. އެހެންވެ އެމީހުން އަވަސްއަވަހަށް ގަސްތަކުގެ ތެރެއަށް ވަދެ އެކަލާނގެއަށް ފިލައިފިއެވެ. 9އެކަމަކު މަތިވެރިރަސްކަލާނގެ ފިރިހެނާއަށް ގޮވާލެއްވިއެވެ. ”ކަލޭ ތިހިރީ ކޮންތާކު؟“
10އޭނާ ބުންޏެވެ. ”އިނބަރަސްކަލާނގެ މިބަގީޗާގެ ތެރޭގައި ހިންގަވައި ވޮޑިގަންނަވާ އަޑު މި އަޅާއަށް އިވިގެން ބިރުން ފިލާ މިހިރީ. އެއީ މިއަޅާ މިހިރީ އޮރިޔާން ޙާލުގައި ކަމަށް ވާތީ.“
11މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަ ހުރީ އޮރިޔާމުންނޭ ކަލޭ ގާތު ބުނީ ކާކު؟ ތިމަންކަލާނގެ ކަލެއަށް ކެއުން މަނާ ކުރެއްވި ގަހުން ކަލޭ މޭވާ ކެއީތަ؟“
12ފިރިހެނާ ބުންޏެވެ. ”އިނބަރަސްކަލާނގެ މިއަޅާއާއި އެކުގައި ލެއްވި އެ އަންހެނާ މިއަޅާއަށް އެގަހުގެ މޭވާ ދިނީމާ މިއަޅާ އެ ކެއީ.“
13މަތިވެރިރަސްކަލާނގެ އަންހެނާއަށް ވަޙީކުރެއްވިއެވެ. ”ކަލޭ ތިޔަކުރީ ކޮންފަދަ ކަމެއް؟“
އަންހެނާ ބުންޏެވެ. ”އެ ހަރުފަ މިއަޅާއަށް އޮޅުވާލީމާ މިއަޅާ އެމޭވާ ކެއީ.“
14މަތިވެރިރަސްކަލާނގެ ހަރުފައަށް ވަޙީކުރެއްވިއެވެ.
”ކަލޭ ތިޔަކުރި ކަންތަކުގެ ސަބަބުން ހުރިހާ ޖަނަވާރުތަކުގެ ތެރެއިން ވެސް ކަލޭގެ މައްޗަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. ކަލޭގެ މުޅި އުމުރުގައި ވެސް އުޅެން ޖެހޭނީ ބިންމަތީގައި ބަނޑުލައި ލޫދެމުން. އަދި ކަލޭ ކާންޖެހޭނީ ވެސް ބިމުގައިވާ ހިރަފުސް.
15ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ.
އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.“
16އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.
”ތިމަންކަލާނގެ ކަލޭގެ ވިހެއުމުގެ ވޭންވަރު އެތައް ގުނައަކަށް އިތުރުކުރާ ހުށީން. ކަލޭ ދަރިން ވިހާނީ ވަރަށް ވެސް ގަދަ ވޭނާއެކު.
ކަލޭގެ އެދުންތައް ވާނީ ކަލޭގެ ފިރިމީހާގެ މައްޗަށް. އެހެނަސް ކަލޭގެ މައްޗަށް އޭނާ ވެރިކަން ކުރާނެ.“
17ފިރިހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.
”ކަލޭ ކަލޭގެ އަންހެނުންގެ ބަހަށް ތިމަންކަލާނގެ މަނާކުރައްވާފައިވާ ގަހުން މޭވާ ކައިފީމު. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ ބިމަށް ނުބަޔާއި ބަދުކަން އަތުވެއްޖެ. މީގެފަހުން ކަލޭގެ މުޅި ޙަޔާތުގައި ވެސް ކަލޭ ކައިބޮއި ހެދުމަށްޓަކައި ބުރަމަސައްކަތް ކުރަންޖެހޭނެ.
18ކަލޭ ކާން ޖެހޭނީ ދަނޑުގައި ހެދޭގަސްތަކުން ލިބޭ ގޮވާންތައް. އެކަމަކު އެބިމުން ކަށިގަސްތަކާ އަދި ކަށިވިނަތައް ވެސް ފަޅާނެ.
19ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.“
20އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙައްވާއޭ ކިޔާ ނަންދެއްވިއެވެ.#3:20 ޢިބްރާނީ ބަހުން އާދަމްގެ މާނައަކީ އިންސާނާއެވެ. އަދި ދިރިއުޅުން މި ބަހަކީ ޙައްވާ މިނަމާއި ވަރަށް ވައްތަރު ބަހެކެވެ. އެއީ ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މައިކަނބަލުން ކަމަށް ވާނެތީއެވެ.
21މަތިވެރިރަސްކަލާނގެ ޖަނަވާރުގެ ހަމުން އަންނައުނު ހައްދަވައި އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ހަށިކޮޅުގައި ލެއްވިއެވެ.
22ދެން މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެމެންނާއި އެއްފަދައިން މިހާރު އިންސާނުންނަށް ވެސް ހެވާއިނުބައި ވަކިކުރުމުގެ ބާރު ލިބިގެންވޭ. ވީމާ ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް އެމީހުން ދިޔަދިނުމަކީ ރަނގަޅު ކަމެއް ނޫން. އޭރުން އެމީހުން އެގަހުން މޭވާ ކައިގެން އަބަދުގެއަބަދަށް ދިރިތިބެފާނެ.“#3:22 މާނައަކީ އެމީހުން އެކަލާނގެއާއި ގުޅުން ކަނޑާލައި އެމީހުން އުޅޭނެ ގޮތަކަށް ދާއިމަށް އުޅުމަށް މަގުފަހިވެދާނެއޭ އެވެ.
23ދެން ޢަދަންގެ ބަގީޗާއިން މަތިވެރިރަސްކަލާނގެ އެމީހުން ބޭރުކޮށްލައްވައިފިއެވެ. އެބިމަކުން އާދަމްގެފާނު އުފެއްދެވި ބިމަށް ބުރަމަސައްކަތުން ކާބޯތަކެތި ހައްދައިގެން ކައިއުޅުމަށް ފޮނުއްވާލައްވައިފިއެވެ. 24އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.
ప్రస్తుతం ఎంపిక చేయబడింది:
ފެށުން 3: ކމ
హైలైట్
షేర్ చేయి
కాపీ
మీ పరికరాలన్నింటి వ్యాప్తంగా మీ హైలైట్స్ సేవ్ చేయబడాలనుకుంటున్నారా? సైన్ అప్ చేయండి లేదా సైన్ ఇన్ చేయండి
© (Active), Wycliffe Bible Translators, Inc. All rights reserved.